ޒިޔަތުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު މިއަދު ކްރިިމިނަލް ކޯޓުގައި ހެކިބަސް ދެއްވަނީ ----

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ޒިޔަތުގެ މައްސަލައިގައި އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މާދާމާ ހެނދުނު 1030 އަށެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ. އެކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފައެވެ.

މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފައެވެ.

އަދި ދައުވާތަކަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ޗެކްތަކާއި ހަވާލުވީ އަމިއްލައަށް ކަމަށާއި ނަމަވެސް އެއްވެސް ޗެކަކުން ލިބުނު ފައިސާއެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ.

އަދި އެ ޗެކުތައް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވީ ފަރާތްތަކާ ކަމަށާއި އެގޮތަށް ކަންތައް ކުރީ، ސަރުކާރުގެ ކަންކަމަށް އެ ފައިސާ ހަރަދުކުރާ ކަމަށް އަދީބު ވިދާޅުވުމުން ކަމަށެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

comment ކޮމެންޓް