ޔޫއޭއީއަށް ހަތިޔާރުތަކެއް ވިއްކުން އެމެރިކާގެ ސެނެޓުން ހުއްޓުވާނެކަމުގެ އިޝާރާތެއް

އެފް-35 ގެ ބޯޓުތަކެއް--

ޔޫއޭއީއަށް އެމެރިކާއިން ވިއްކަން އުޅޭ އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކުން އެމެރިކާގެ ސެނެޓުން ހުއްޓުވާނެކަމުގެ އިޝާރާތެއް ދީފިއެވެ.

އެމެރިކާއިން ޔޫއޭއީއަށް 23 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމިއިރު އެއާ ގުޅޭގޮތުން އަންނަ ހަފްތާގައި ވޯޓަށް އަހާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ވިއްކަން ނިންމާފައިވާ ހަތިޔާރުތަކުގެ ތެރޭގައި ޑްރޯންއާއި އެފް-35 އެއާކްރާފްޓާއި މިސައިލް ހިމެނެއެވެ.

ސެެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ބޮބް މެންޑޭޒް ވިދާޅުވީ ހަތިޔާރު ވިއްކުން ހުއްޓުވަން ވޯޓު ހޯދަން މިހާރު އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަަމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތާއިދު ހޯދަންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ މެމްބަރު މާކް ރޫބިއޯ ވިދާޅުވީ އެ ވޯޓާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެ ހަތިޔާރުތައް ވިއްކައިފިނަމަ އިސްރާއިލަށް އޭގެ އަަސަރުކުރާނެތީވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ސެނެޓުގެ ގިނަ މެމްބަރުން ދެކޭގޮތުން ޔޫއޭއީއަށް ހަތިޔާރު ވިއްކައިފިނަމަ ، އެ ހަތިޔާރުތައް ބޭނުންކޮށްގެން ޔަމަނަށް ހަމަލާ ދޭނެ ކަަމަށެވެ. ޔަމަނުގެ ހަނގުރާމައަށް ފަސް އަހަރު ވެފައިވާއިރު އެގައުމުގައި މިހާރު ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ.-- އަލްޖަޒީރާ

comment ކޮމެންޓް