ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުރިނބީގައި ކަސްރަތުކުރަން ހާއްސަކޮށް އައުޓްޑޯ ޖިމް އެއް ގާއިމުކޮށްފިއެވެ.
އެއީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
އެ ޖިމް ހުޅުވާފައި ވަނީ ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައެވެ. ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު ހަތް އައުޓްޑޯ އިކުއިޕްމަންޓް އެކުލެވޭ ކަމަށާއި އޭގެ ތެރެއިން ތިން މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެތި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައިވެސް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކަކަށްވުން މުހިންމު ކަމަށެވެ.
"ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި،" ސައީދު ވިދާޅުވިއެވެ.
ޕްރޮޖެކްޓް ކާމިޔާބު ކުރި އާދަމް ޝަޒީމް ބުނީ އެ ޕްރޮޖެކްޓްގެ ބޭނުމަކީ އެ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ކަސްރަތަށް އަހުލުވެރިކުރުވުން ކަމަށާއި އެ ރަށުގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަފަރާތަކަށް ކަސްރަތު ކުރުން ދަތި އުދަނގޫ ކަމަކަށްވެފައިވާކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން. މިއީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ވެސް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރަން. މި މަސައްކަތައް ރަށުގެ ރައްޔިތުންނާއި ކުރިނބީ ޔޫތް މޫވްމަންޓުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތައް ހާއްސަ ޝުކުރެއް އަދާކުރަން،" އާދަމް ޝަޒީމް ބުންޏެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.