ރައީސަށް މަރުހަބާ ކިޔަން ދަރިވަރުން ނެރެން އަންގާފައެއް ނުވާނެ: ސަރުކާރު

ރައީސް ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

‏ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ހަރަކާތެއް ހިންގަން ތަރުހީބު ނުދޭކަމަށް ސަރުކާރުން ބުނެފިއެވެ.

މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. ގަމަށް ވަޑައިގެން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި އެ ރަށު ހަމަދު ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްދޭން ރަށު ކައުންސިލުން ވަނީ އެދިފައެވެ.

ކޮވިޑް19 ފެތުރިފައި އޮތް ދަނޑިވަޅެއްގައި، މާލެއިން ވަޑައިގަންނަވާ ފަރާތްތަކަށް މަރުހަބާ ކިޔަން ދަރިވަރުން ނެރެން އަންގާފައި ވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގާފައި ނުވާނެ ކަމަށެވެ.

އަދި އެފަދަ ހަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްޓަކައި ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސްކޫލު ކުދިން ނެރެފައިވެއެވެ.

comment ކޮމެންޓް