ދިވެހި ފުޓުބޯޅަ ކުލަބުތައް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވާދަކުރާ އިރު، ގައުމީ ފެންވަރުގައި އެކަނި މެޗުތައް ކުޅެގެން އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވޭނެ ކަމަށާއި، ބޭރުގެ ކުލަބުތަކާ ދެކޮޅަށް މެޗު ކުޅުން މުހިއްމު ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ގައުމީ ޓީމުގެ މެޗުތައް ފިޔަވައި، ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަށް ރާއްޖޭން ބޭރުގެ ކުލަބުތަކާ ވާދަކުރުމުގެ ފުރުސަތު އޮންނަނީ އާއްމުކޮށް އޭއެފްސީ ކަޕުގައި އެކަންޏެވެ. އެ މުބާރާތަށް ރާއްޖޭގެ ދެކުލަބެއް ކޮލިފައިވާ އިރު، ބާކީ އޮންނަ ހައެއްކަ ޓީމު މުޅި ސީޒަން ނިންމާލަނީ ބޭރުގެ ވާދަވެރި ކުލަބަކާ ދެކޮޅަށް މެޗެއް ކުޅެލަން ނުލިބި އެވެ. ގައުމީ ފެންވަރުގެ ދެތިން މުބާރާތެއް ކުޅެލައިގެން މިފަދަ ގޮތަކަށް ސީޒަން ނިންމާލާ އިރު، ދިވެހި ކުޅުންތެރިންނަށް ބޭރުގެ މެޗުތައް ކުޅެން ނުލިބުމަކީ ގިނަ ކޯޗުންގެ ކަންބޮޑުވުމެކެވެ.
ޓީސީ ސްޕޯޓްސް ކުލަބާ އެކު ރާއްޖޭގެ ކުލަބަކުން ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ ރަން މެޑައްޔެއް ހޯދި ނިޒާމްބެގެ ކަންބޮޑުވުމަކީ ވެސް ދިވެހި ކުލަބުތަކަށް އޮތް ބޭރުގެ އެކްސްޕޯޝާ ކުޑަވުމެވެ. ބަންގްލަދޭޝްގައި 2017 ވަނަ އަހަރު އޮތް ޝެއިޙް ކަމާލް ކަޕް ކާމިޔާބުކޮށް، ޓީސީއަށް ތާރީހުން ލިބުނު ޖާގައަކީ ދިވެހި ކުލަބުތަކަކީ ފެންވަރު ހުރި ކްލަބްތަކެއްކަން ހާމަވާ ކަމެއް ކަމަށް ނިޒާމްބެ ކުރިން ބުނެފައިވާ އިރު، ބޭރުގެ ކުލަބުތަކާ ދެކޮޅަށް މެޗު ކުޅުމަކީ މިހާރު އެންމެ މުހިއްމު އެއްކަންތައް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"އަސްލުގަ ކުރަން ޖެހޭ ކަމެއް އެއީ. އޭއެފްސީއަށް ދާއިރު ބޭރުގެ ތަޖުރިބާއަކީ ވަރަށް މުހިއްމު ކަމެއް. ކުލަބުތައް ބޭރު ގައުމުތަކަށް ގޮސް ބޭރު ކުލަބުތަކާ ވާދަކުރަން ޖެހޭ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ، ދިވެހި ފުޓުބޯޅަ އިތުރަށް ކުރިއަރުވަން އެންމެ މުހިއްމު އެއްކަންތައް ނުކުރެވޭ އެންމެ ބޮޑު ކަމަކީ މި ރީޖަންގެ ކުލަބުތަކުގެ މާލީ ހާލަތު ގޯސްވުން ކަމަށެވެ. ފަހަކަށް އައިސް ރާއްޖޭގެ ގިނަ ކުލަބުތަކުގެ މާލީ ހާލަތު ދަށްވެ، ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހިސާބަކަށް ކަންތައްތައް ގޮސްފައިވާ އިރު، ބޭރަށް ގޮސް މެޗުތައް ކުޅުމަށްދާ ޙަރަދު ކުރެވޭނެ ތަނަވަސްކަން ނެތް ކަމަށް ނިޒާމްބެ ބުންޏެވެ.
"އަސްލު ވަރަށް ބައިވަރު ސަބަބުތައް އެބަހުރި. މި ރީޖަންގެ ކުލަބުތަކަކީ ފައިނޭންޝިއަލީ އެހާ ރަނގަޅު ކުލަބުތަކެއް ނޫން. ބޭރަށް ދާން ޓިކެޓް ނެގުމާ ކަންތައް ކުރާނެ ފެންވަރު އަސްލު ނެތް. އެހެން ނަމަވެސް ކުރިއަރަން ބޭނުން ނަމަ މިކަމަކީ މިހާރު މުހިއްމު ކަމެއް."