ބާރީ ފަނޑިޔާރުކަމުން ވަކިކޮށްފި

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުގައި ބާރީ ފަނޑިޔާރުން ކަމުން ވަކިކުރަން 62 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މަޖިލީހުން ބާރީ ވަކިކުރަން ފާސްކުރުމާއެކު އޭނާ މަގާމުން ވަކިވީ އެވެ.

ގާޒީ ބަރީއަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލައި، އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް ފޮނުވީ މިމަހު 17 ވަނަ ދުވަހުއެވެ.

ގާޒީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ބެންޗްގައި ހިމެނިވަޑައިގަންނަވާ ބާރީ މިހާރުވެސް ހުންނެވީ، ޖޭއެސްސީން ބެލި މައްސަލަތަކާ ގުޅިގެން ސަސްޕެންޝަންގައެވެ.

ދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަންވެސް މިއަދު މަޖިލީހުން ފާސްކުރި އެވެ. އޭނާ ވަކިކުރަން 61 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

comment ކޮމެންޓް