1953 އިން ފެށިގެން ލިބިފައިވާ އަނިޔާ ބެލޭގޮތަށް ބިލު ފާސްކޮށްފި

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ -- ފޮޓޯ/ މަޖިލިސް އިދާރާ

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށް އިންތިގާލީ އިންސާފުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކުރީ ބޮޑެތި އިސްލާހުތަކާއެކުއެވެ. ބިލު ފާސްކުރަން ފެންނަ ކަމަށް 54 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ހުށަހެޅި ބިލެކެވެ.

ނަމަވެސް ކޮމެޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު، ކޮމެޓީން ވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށް ބިލު އިސްލާހުކޮށްފައެވެ.

ޖެންޑާ ކޮމެޓީ އަދި ޖުޑިޝަރީ ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމި ރިޕޯޓުގައި ބުނެފައި ވަނީ، އެގޮތަށް ބިލު އިސްލާހުކުރީ އިންތިގާލީ އިންސާފަކީ ރާއްޖޭގައި އަލަށް ތައާރަފުކުރެވޭ ނިޒާމަކަށް ވެފައި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ލިބިގަތުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މިއަދު ބިލު ފާސްކުރި އިރު، ތަޅުމުގައި ވެސް ބިލަށް ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ބިލުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގައި ލިބިދީފައިވެއެވެ.

އަދި ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލު ނަގައިދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ. މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ބަދެލެވެ.

އަދި ވަޒީފާއެއް އަދާކުރަމުން ދިޔަ މީހަކަށް ވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލެއް ދެވިދާނެ ކަމަށް ބިލުގައި ބުނެއެވެ.

ހަމައެއާއެކު ލިބުނު އަނިޔާއަށް ފަރުވާ ހޯދައި، އެ އަނިޔާއިން ލިބުނު ގެއްލުމުން މިންޖުވުމަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދުގެ ބަދަލު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލު ވެސް އެ އޮފީހަށް ނަގައިދެވޭނެއެވެ.

ކޮމެޓީ މަރުހަލާގައި ބަދަލު ނަގައިދެވޭނެ ހާލަތުތައް ވަނީ ތަފްސީލުކޮށް ބިލުގައި ހިމަނައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް