މައިކްރޮސޮފްޓުން ޓެކް ކުންފުނިތަކަށް ބާއްވާ މުބާރާތަކަށް ރާއްޖޭގެ ފަހިޕޭ ހޮވިއްޖެ

ފަހިޕޭ އެޕްލިކޭޝަން --

އަލަށް ފަށައިގަންނަ އަދި ކުދި ޓެކް ކުންފުނިތަކަށް އަމާޒުކޮށްގެން މައިކްރޮސޮފްޓްއިން ބާއްވާ ސަރަހައްދީ ޕިޗިން ކޮމްޕެޓިޝަން "އިމާޖް އެކްސް"ގައި ބައިވެރިވާން ރާއްޖޭގެ އެޕްލިކޭޝަން ފަހިޕޭ ހޮވިއްޖެ އެވެ.

މި މުބާރަތަކީ އަލަށް ފަށައިގަންނަ ޓެކް ކުންފުނިތަކަށް މައިކްރޮސޮފްޓްއިން ކުރިއަށްގެންދާ 'ހައިވޭ ޓު 100 ޔުނިކޯންސް'ގެ ދަށުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން އެދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 15އަށް ވުރެ ގިނަ ގައުމުން 300އަށްވުރެ ގިނަ ކުންފުނި ވަނީ ނޮމިނޭޓްކޮށްފަ އެވެ. އަދި ނޮމިނޭޝަންތަކުގެ ތެރެއިން އިމާޖް އެކްސްގައި ބައިވެރިވާން ހޮވި 21 ކުންފުނީގެ ތެރޭގައި ފަހިޕޭ ވަނީ ހިމެނިފަ އެވެ. ރާއްޖެއިން މި މުބާރާތަށް ހޮވުނު ހަމައެކަނި ކުންފުންޏަކީވެސް ފަހިޕޭ އެވެ.

ފަހިޕޭއަކީ ޑިޖިޓަލް ޕޭމަންޓްތަކަށް ހާއްސަ 'އޯލް އިން ވަން' އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގައި ލިބޭ ގިނަ ހިދުމަތްތަކަކަށް ފައިސާ ދެއްކެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • ދިރާގު (ރީލޯޑް، ޕެކޭޖް ރީޗާޖް، ބިލް ޕޭމަންޓް، ދިރާގު ޕޭއަށް ފައިސާ ޖަމާކުރުން)
  • އުރީދޫ (ރާސްޓަސް، ޕެކޭޖް ރީޗާޖް، ބިލް ޕޭމަންޓް، އެމްފައިސާއަށް ފައިސާ ޖަމާކުރުން)
  • ފެން ބިލާއި ކަރަންޓު ބިލު
  • މީޑިއާނެޓް
  • ގިފްޓް ކާޑު (އައިޓިއުންސް، ޕްލޭސްޓޯ، ޕްލޭސްޓޭޝަން، ނެޓްފްލިކްސް)
  • މޯލްޑިވް ގޭސް
  • ޕަބްޖީ ޔޫސީ

އިމާޖް އެކްސް މުބާރާތަށް ނޮމިނޭޓްވާ ހިސާބުން މައިކްރޮސޮފްޓުގެ ގިނަ ހިދުމަތްތަކެއް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ވޯކްޝޮޕްތަކާއި ޓެކްނިކަލް އަދި ވިޔަފާރީގެ ރޮނގުން ތަމްރީނުތައް ދޭނެ އެވެ.

މުބާރާތް ކާމިޔާބުކުރާ ފަރާތްތަކަށް ގްލޯބަލް މާކެޓް އެކްސެސްއާއި ފަންޑިންގެ އިތުރުން ދާއިރާއާ ގުޅޭ ތަމްރީން، ތަޖުރިބާކާރުންގެ ފަރާތުން ލިބޭނެ އެވެ.

މިއަހަރުގެ އިމާޖް އެކްސް މުބާރާތް ކާމިޔާބުކުރާ ކުންފުނިތައް އިއުލާނުކުރާނީ ޑިސެމްބަރު ދެވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް