އަބްދުﷲ ގާޒީގެ ބަންދާބެހޭ ޝަރީއަތް ކެންސަލް ކޮށްފި

ސިފައިންނާއި ފުލުހުން ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ހުށަހަޅާފައިވާ މައްސަލަގައި ސިފައިންނާއި ފުލުހުން އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓަށް ހާރިކޮށް ނުދިނުމުން އެ މައްސަލައިގެ ޝަރީއަތް މިއަދު ބޭއްވޭ ގޮތެއް ނުވި އެވެ.

އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން އަބްދުﷲ ގާޒީ މިއަދު 3:00 ޖަހާއިރަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަށް ރައްދުދެއްވާ ފުލުހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ އަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވާތީ ފުލުހުންނަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށް ނުދެވޭނެ ކަމަށެވެ.

އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދިނުމަށް ސިފައިންގެ މައްޗަށް ކުރި އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރުކޮށްދެއްވާފައި ނުވާއިރު އެ އަމުރާއި ގުޅިގެން އެއްވެސް އެއްޗެއް ކޯޓަށް އަންގާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މިއަދު 3:00 އަށް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައެވެ. ނަމަވެސް ބަންޑާރަ ނައިބްގެ އޮފީހުން ވަނީ އެ ދެ އަމުރު ވެސް އިސްތިއުނާފް ކޮށްފަ އެވެ.

އިސްތިއުނާފާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރެއްގައި ބުނަނީ ފަސީހު އާއި ޖަލީލު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން ނެރުނު އަމުރު ބަންޑާރަނާއިބްގެ އޮފީހުން އިސްތިއުނާފަށް ހުށަހަޅާފައިވާތީ އެ އަމުރާއިމެދު އެ ކޯޓުން ވަކިގޮތެއް ނިމެންދެން އެ އަމުރަށް އަމަލުކުރަން ފަސްކުރަން އަމުރުކުރާކަމަށެވެ. ދެ އަމުރު ނެރެފައި ވަނީ ވަކިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު