ނިއުކްލިޔާ ސައެންޓިސްޓްގެ މަރަށް ބަދަލު ހިފާނެކަން އީރާނުން އދ. އަށް އަންގައިފި

އަވަހާރަކޮށްލި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓް ޕްރޮފެސަރު މުހްސިން ފަޚްރީ ޒާދޭ

ތެހެރާން (ނޮވެމްބަރު 28): އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ އަވަހާރަކޮށްލުމުގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށާއި އެކަމަށް ބަދަލުހިފަން ނިންމާފައިވާކަން އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ރަސްމީކޮށް އަންގައިފިއެވެ.

އީރާނުގެ ސަރުކާރުން މިއަދު ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ރާވާފައިވަނީ އިސްރާއީލުން ކަމަށާ އެ ޙަމަލާ ތަންފީޒުކުރީ އީރާނުގައި ހަރަކާތްތެރިވާ އިސްރާއީލުގެ އެޖެންޓުންގެ ބަޔަކުކަން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން ހާމަވާކަމުގައެވެ. އެހެންކަމުން އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމުގެ ހައްގު އީރާނަށް ލިބިގެންވާކަމަށާ ބަދަލު ހިފުމަށް ނިންމާފައިވާކަން އީރާނުގެ ސިޓީގައި ސަލާމަތީ މަޖިލީހަށް އަންގާފައިވެއެވެ.

އީރާނުގެ ރިވެލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވަނީ މުހްސިން އަވަހާރަކޮށްލުމަށް ޓެރަރިސްޓް ޙަމަލާއަށް އެމެރިކާއާއި ސައުދީ އަރަބިއްޔާވެސް ވާގިވެރިވިކަމަށް ތުހުމަތުކޮށްފައެވެ. ޖެނެރަލް ސަލާމީ ސައުދީގެ ނަން ސީދާގޮތެއްގައި ވިދާޅުނުވެ ވިދާޅުވެފައިވަނީ އިސްރާއީލަށް ވާގިވެރިވާ "މުނާފިގުން" ވެސް މި ޖަރީމާގައި ބައިވެރިވާކަމުގައެވެ. އީރާނުގެ އަސްކަރީ ބައެއް ޖެނެރަލުން ސައުދީގެ އިސްވެރިން ސިފަކުރައްވަނީ "މުނާފިގުން"ގެ ގޮތުގައެވެ.

ނަތަންޔާހޫ

އީރާނުގެ މީޑިއާ ބުނާގޮތުން ޕްރޮފެސަރު މުހްސިން އަވަހާރަކޮށްލާފައިވަނީ އިއްޔެ ހަވީރު އޭނާގެ ކާރުކޮޅުގައި އަބްސަރްދު ސަރަހައްދުގައި ދަތުރުކުރައްވަމުން ދަނިކޮށް ކާރުކޮޅަށް އަމާޒުކޮށް ބަޔަކު ބޮމުގެ ޙަމަލާއެއް ދިނުމަށްފަހު ބަޑިންވެސް ހަމަލާތަކެއް ދީގެންގެންނެވެ. މި ހަމަލާތަކަށްފަހު އީރާނުގެ ފުލުހުންވަނީ ޓެރަރިސްޓުންގެ ފަހައިގޮސް އޭގެތެރެއިން ތިން މީހަކު މަރާލައި އިތުރު މީހަކު ހައްޔަރުކޮށްފައެވެ. އަބްސަރްދަކީ ތެހެރާންގެ އިރުމަތީ އަވަށެކެވެ. ޕްރޮފެސަރު މުހްސިން އަވަހާރަވީ ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ގެންދަނިކޮށް ތެހެރާންގެ ހޮސްޕިޓަލެއްގައެވެ.

ޕްރޮފެސަރު މުހްސިން އަވަހާރަކޮށްލުމުގެ ޓެރަރިސްޓް ޙަމަލާ ދީފައި މިވަނީ އިސްރާއީލުގެ ބޮޑުވަޒީރު މިދިޔަ ހަފްތާގައި ސިއްރިޔާތުގައި ސައުދީ އަރަބިޔާއަށް ވަޑައިގެން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ މަޝްވަރާތަކެއް ކުރައްވާފައި ވަނިކޮށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރި އެއްކަމަކީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމުގެ ވާހަކަތަށް ކަމަށް ރިޕޯޓްތަށް ބުނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންނެވި ޚަބަރު ސައޫދީން ދޮގުކުރި ނަމަވެސް އިސްރާއީލުން މިކަން ދޮގެއް ނުކުރެއެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު އުފެއްދިއިރު އެ ޕްރޮގްރާމުގެ އެންމެ އިސް ސައެންޓިސްޓްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޕްރެފެސަރު މުހުސިން ނަމަވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގައި މިހާރު ޒުވާން އުމުރުގެ ނިއުކްލިޔާ އެތައް ސަތޭކަ ސައެންޓިސްޓުންނާއި އިންޖިނޭރުން ހަރަކާތްތެރިވަމުން ދެއެވެ. އުމުރުން ދުވަސްވުމާ ގުޅިގެން ޕްރެފެސަރު މުހުސިންގެ މިހާރުގެ ދައުރަކީ ލަފައާއި އިރުޝާދު ދެއްވުމެވެ.

އަވަހާރަކޮށްލިއިރުވެސް ޕްރެފެސަރު މުޙްސިންއަކީ ފިޒިކްސްއާ ބެހޭ އީރާނުގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ އިމާމް ހުސައިން ޔުނިވާސިޓީގެ ނިއުކްލިޔާ ފިޒިކްސް ފެކަލްޓީގައި ކިޔަވައި ދެއްވަމުން ގެންދަވާ ޕްރޮފެސަރެކެވެ. މީގެ އިތުރުން އޭނާ ހުންނެވީ އީރާނުގެ އޮގަނައިޒޭޝަން އޮފް ޑިފެންސިވް އިނޮވޭޝަން އެންޑް ރިސާޗްގެ ވެރިޔާގެ މަގާމުގައިވެސް މެއެވެ.

ޕްރޮފެސަރު މުހްސިންގެ ކާރުކޮޅަށް ހަމަލާދިންތަނުގައި އީރާނުގެ ފުލުހުން ޙަރަކާތްތެރިވަނީ

2018 ވަނަ އަހަރުގެ އެޕްރީލް މަހު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޕްރޮފެސަރު މުހްސިންގެ ނަން ފާހަގަކުރައްވައި، އޭނާގެ ނަން ހަނދާނުގައި ބެހެއްޓުމަށް އިސްރާއީލުގެ ޖާސޫސީ އިދާރާ "މޮސާޑް" އަށް އިރުޝާދު ދީފައެވެ. މިއީ މުހްސިން އަވަހާރަކޮށްލާނެކަމަށް ނަތަންޔާހޫ ދެއްވި އިންޒާރެއްގެ ގޮތުގައި އެދުވަސްވަރު އީރާނުން ފާހަގަކޮށްފައިވެއެވެ.

އީރާނުން ބުނާގޮތުން 2007 ވަނައަހަރުން ފެށިގެން އިސްރާއީލު ގެންދަނީ ޕްރޮފެސަރު މުހްސިންއާއި އެނޫންވެސް އީރާނުގެ އިސް ނިއުކްލިޔާ ސައެންޓިސްޓުން އަވަހާރަކޮށްލުމަށް ރާވަމުންނެވެ. އެހެންކަމުން އީރާނުންވަނީ މިބޭފުޅުންނަށް ހިމާޔަތް ދިނުމަށްޓަކައި ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ޕްރޮފެސަރު މުހްސިންއާއި އެނޫންވެސް އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން ދިރިއުޅުއްވާ ތަންތަން ގާޑުކޮށް ބެލެހެއްޓުމާއި އެބޭފުޅުން ދަތުރު ކުރައްވާއިރުވެސް ކާރުކޮޅާއެކު ގާޑުން އެސްކޯޓް ކުރުންފަދަ ކަންކަން ހިމެނެއެވެ.

އިސްރާއީލަކީ މެދުއިރުމަތީގައި ނިއުކްލިޔާ ހަތިޔާރު އުފައްދައި އެއިން ސަރަހައްދުގެ ގައުމުތަކަށް ބިރު ދައްކަމުން ގެންދާ ހަމައެކަނި ގައުމެވެ. އިސްރާއީލާއި އެމެރިކާ ދެކޭގޮތުގައި ނިއުކްލިޔާ ހަތިޔާރުގެ ގާބިލް މެދުއިރުމަތީގައި ލިބެންޖެހޭނީ ހަމައެކަނި އިސްރާއީލަށެވެ. އެއީ އިސްރާއީލަށް ފަލަސްތީނުގެ ބިންތަށް ގަދަބާރުން ހިފައި އިސްތިއުމާރުކޮށްގެން އުޅެވޭނީ އަދި އަވަށްޓެރި ގައުމުތަކަށް ބިރު ދެއްކޭނީ އެސަރަހައްދުގެ އަރަބި އިސްލާމީ އެއްވެސް ގައުމެއްގައި ނިއުކްލިޔާ ހަތިޔާރުނެތި ހަމައެކަނި އިސްރާއީލުގައި ނިއުކްލިޔާ ހަތިޔާރު ހުރުމުން ކަމަށްވާތީއެވެ.

މިކަމަށްޓަކައި އިސްރާއީލުންވަނީ 1981 ވަނަ އަހަރު އިރާގުގެ ނިއުކްލިޔާ މަރުކަޒަށް ހަމަލާދީ އެ މަރުކަޒު ހަލާކުކޮށްލާފައެވެ. އަދި 2003 ވަނައަހަރު އެމެރިކާ އިރާގަށް އަރައިގަތުމަށްފަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން ވަނީ އިރާގުގެ އެތައް ނިއުކްލިއާ ސައެންޓިސްޓުންނެއް މަރާލާފައެވެ.. އަދި 2007 ވަނައަހަރު އިސްރާއީލުން ސީރިއާއަށް ހަމަލާދީ އެގައުމުގެ މައި ނިއުކްލިއާ ރިއެކްޓަރުވެސް ވަނީ ހަލާކުކޮށްލާފައެވެ. އިސްރާއީލުން ވަނީ މިސްރުގެވެސް އެތައް ނިއުކްލިއާ ސައެންޓިސްޓުންނެއްވެސް މަރާލާފައެވެ.

އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓް މުހްސިން ފަޚްރިޒާދޭ އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާ ބެހޭގޮތުން އިސްރާއީލުން އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. (ނޫސްއެޖެންސީތަށް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު