ވޮޝިންޓަން (ނޮވެމްބަރު 27): އެމެރިކާގެ ރައީސަކީ ޖޯ ބައިޑެންކަން އިލެކްޓޯރަލް ކޮލެޖުން ޔަގީންވެއްޖެނަމަ ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި މި މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ބަލި ގަބޫލު ކުރައްވަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި އިއްޔެ ނޫސްވެރިން ވަނީ އިލެކްޓޯރަލް ކޮލެޖުން ބަލިވުމުން ޓްރަމްޕް ވައިޓް ހައުސްއިން ވަޑައިގަންނަވާނެތޯ ސުވާލުކޮށްފަ އެވެ.
"ޔަގީނުންވެސް އަޅުގަނޑު ދާނަން، އެކަން ތިބޭފުޅުންނަށް އެނގޭނެ. ނަމަވެސް އެމީހުން [ބައިޑެން އިންތިހާބުކޮށްފި ނަމަ] އެ ވާނީ ގޯހަކަށް،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން އެ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް އަނެއްކާވެސް ތުހުމަތު ކުރެއްވި އެވެ. އަދި ބަލި ގަބޫލު ކުރައްވަން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ އިލެކްޓޯރަލް ކޮލެޖު އޮންނަ ގޮތުން އެގައުމުގެ ރައްޔިތުން ވޯޓު ދެނީ ސީދާ ރިޔާސީ ކެންޑިޑޭޓެއްގެ ބަދަލުގައި، އެމީހުން ނިސްބަތްވާ ސްޓޭޓެއްގައި ޕާޓީތަކުން ހޮވާފައި ތިބޭ "އިލެކްޓަރުން"ނަށެވެ. އެގޮތުން ކޮންމެ ސްޓޭޓެއްގައިވެސް އެ ސްޓޭޓު ތަމްސީލުކޮށްދޭ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެއްވަރަށް، ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކޮންމެ ޕާޓީއަކުންވެސް އިލެކްޓަރުން ހޮވާފައި ތިބޭނެ އެވެ. މިސާލަކަށް ކެލިފޯނިއާގެ 53 މެމްބަރުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ތިއްބަވާތީ އާއި ދެ ސެނެޓަރުން ތިއްބަވާތީ އެ ސްޓޭޓުގައި ކޮންމެ ޕާޓީއަކުން ޖުމްލަ 55 އިލެކްޓަރުން ތިބޭނެ އެވެ. އަދި ޑިސްޓްރިކްޓު އޮފް ކޮލަމްބިއާގެ މެމްބަރުން ކޮންގްރެސްގައި ނުތިއްބަވާ ނަމަވެސް އެ ސަރަހައްދަށް ތިން އިލެކްޓަރުން ހަމަޖައްސާފައިވެ އެވެ.
އެހެންކަމުން އެގައުމުގެ 435 ރެޕްރެޒެންޓޭޓިވްސް އާއި 100 ސެނެޓަރުންގެ އިތުރުން ޑިސްޓްރިކްޓު އޮފް ކޮލަމްބިއާއަށް ހަމަޖައްސާ ތިން އިލެކްޓަރުން ހިމެނޭ ގޮތަށް އެމެރިކާގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކޮންމެ ޕާޓީއަކަށް 538 އިލެކްޓަރުން ތިބޭނެ އެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އަންނަ މަހުގެ 14އިގައި ރައީސާއި ނައިބު ރައީސް ހޮވުމަށް ކޮންމެ ސްޓޭޓެއްގެ އިލެކްޓަރުން ބައްދަލު ކުރާނެ އެވެ.
އެ ބައްދަލުވުމަށް ހާޒިރު ވާނީ އިންތިހާބުގައި އެ ސްޓޭޓަކުން އެންމެ ގިނަ މީހުން ވޯޓު ދިން ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ އިލެކްޓަރުންނެވެ. އެ އިލެކްޓަރުންނަކީ ޕާޓީއަށް ވަރަށް ވަފާތެރި މީހުން ކަމުން އެ މީހުން ވޯޓު ދޭނީ އެ ޕާޓީއެއްގެ ކެންޑިޑޭޓަށެވެ. އަދި ރައީސްކަން ލިބޭނީ 270 އިލެކްޓަރުންގެ ތާއިދު ހޯދާ ކެންޑިޑޭޓަކަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުގައި ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބެ އެވެ. އަދި ޓްރަމްޕަށް ލިބެނީ 232 ވޯޓެވެ.
އެ ނަތީޖާއާ ދެކޮޅަށް ޓްރަމްޕްގެ ކެމްޕޭނުން އެކި ސްޓޭޓުތަކުގެ ކޯޓުތަކަށް މައްސަލަތައް ހުށަހެޅި ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ.