އެމެރިކާގެ އައު ޚާރިޖީ ވަޒީރަކަށް ވެވަޑައިގަންނަވާނީ އެންޓަނީ ބްލިންކެން

އެމެރިކާގެ އައު ޚާރިޖީ ވަޒީރަކަށް އިޚްތިޔާރުކުރައްވާފައިވާ އެންޓަނީ ބްލިންކެން

ވޮޝިންޓަން (ނޮވެމްބަރު 24): އެމެރިކާގެ އައު ޚާރިޖީ ވަޒީރަކަށް އެންޓަނީ ބްލިންކެން ހަމަޖައްސަވަން ރައީސުލްމުންތަޚަބު ޖޯ ބައިޑަން ނިންމަވައިފިއެވެ.

ބައިޑަންގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް އޭނާ އިޚްތިޔާރު ކުރެއްވި ބޭފުޅުންގެ ނަންތަށް ބައިޑަންގެ އިންތިގާލީ ޓީމުން ރޭ އިޢުލާނުކުރިއިރު ޚާރިޖީ ވަޒީރަކަށް އިޚްތިޔާރު ކުރައްވާފައިވަނީ އެންޓަނީ ބްލިންކެން އެވެ. މެދުމިނުގެ ލެބެރަލް ފިކުރުގެ ބޭފުޅެއްކަމަށްވާ ބްލިންކެން އަކީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި ފިކުރުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. އެމެރިކާ ފަސްޓްގެ ނަމުގައި ޓްރަމްޕް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ އެމެރިކާގެ ވާދަވެރިންނާ އަދި އެމެރިކާގެ ބައިވެރިންނަށް އިޙްތިރާމް ނުކުރާ ހަމައެކަނި އެމެރިކާގެ އަމިއްލަ އެދުމުގެ މައްޗަށް ބިނާވެފައިވާ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސަތެކެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ބްލިންކެން އަކީ "އެމެރިކާ ފަސްޓް" ސިޔާސަތާ އިދިކޮޅު އަދި ދުނިޔޭގައި އެހެން ބޮޑެތި ބާރުތަށްވެސް ވާކަމަކަށް އިއުތިރާފްވާ ދުނިޔޭގައި ގިނަބާރުތަކެއް ހިމެނޭ "މަލްޓިޕަވާ" ފިކުރު ގަބޫލުކުރައްވާ ބޭފުޅެކެވެ. "މަލްޓިޕަވާ" ފިކުރަކީ އެމެރިކާގެ ވާދަވެރި ޗައިނާފަދަ ގައުމުތަކަކީ ދުޝްމަނުންކަމަށް ނުބަލައި ރީތިކަމާއެކު އެބާރުތަކާ ވާދަކުރުމުގެ ފިކުރެވެ. ޓްރަމްޕް ގެންގުޅުއްވަނީ ޗައިނާއަށް ބެލިނަމަވެސް ރީތިކޮށް ވާދަކުރުމުގެ ސިޔާސަތެއްނޫނެވެ. އޭގެބަދަލުގައި ޗައިނާއަކީ އެމެރިކާގެ ޖާނީ ދުޝްމަނެއްކަމަށް ދެކި ޗައިނާއާއެކު ފިނި ހަނގުރާމައަކަށް ދިޔުމުގެ ހަރުކަށި ސިޔާސަތެކެވެ.

ލިންޑާ ތޯމަސް ގްރީންފީލްޑް

ބައިޑަންގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް އޭނާ އިޚްތިޔާރުކުރެއްވި ބޭފުޅުންނަށް ބަލާއިރު ފެންނަނީ އެމެރިކާގެ ހުރިހާ ނަސްލުތަކެއްގެ މީހުން ޝާމިލްވެގެންދާ ވަތަނީ އެއްބައިވަންތަކަން ތަމްސީލުވާގޮތަށް މަގާމުތަކަށް ބޭފުޅުން އިޚްތިޔާރު ކުރައްވާފައިވާތަނެވެ. މިހާތަނަށް އިއުލާނުކުރެއްވި މަދު މަގާމުތަކަށް ބަލާއިރުވެސް ކަޅު ނަސްލުގެ ބޭފުޅަކާއި، އަރަބި ދަރިކޮޅުގެ ބޭފުޅަކާ ލެޓިނޯ ނަސްލުގެ ބޭފުޅަކު ހިމެނެއެވެ.

ކަޅު ނަސްލުގެ އަންހެން ބޭފުޅެއްކަމަށްވާ ލިންޑާ ތޯމަސް ގްރީންފީލްޑް ހަމަޖައްސަވާފައިވަނީ އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ކަމުގެ މަގާމަށެވެ. ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ކަމަށް ހަމަޖެއްސެވީ ޖޭކް ސުލިވާންއެވެ. އޭނާއަކީ ބަރަކް އޮބާމާގެ ރިޔާސަތުގައި ވައިޓް ހައުސްގެ ޑިރެކްޓަރ އޮފް ޕޮލިސީ ޕްލޭނިންގް ކަމުގެ އިތުރުން އޮބަމާގެ ނާއިބު ރައީސްކަމުގައި ބައިޑަންގެ ހުންނެވިއިރު ބައިޑަންގެ މުސްތަޝާރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރީމާ ދޫދީން

ފަލަސްތީނުގެ މުސްލިމް އަންހެން ބޭފުޅެއް ކަމަށްވާ ރީމާ ދޫދީން އިޚްތިޔާރު ކުރެއްވީ ވައިޓް ހައުސްގެ ލީގަލް އޮފީހުގެ ވެރިޔާގެ ނައިބުގެ މަގާމަށެވެ. ރީމާއަކީ އެމެރިކާގެ މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރައްވާ އަދި އިސްރާއީލުގެ އަނިޔާވެރިކަން ހާމަކުރައްވައި ފަލަސްތީނުގެ ހައްގުތަކަށްވެސް މަސައްކަތް ކުރައްވާ ކުޅަދާނަ ގާނޫނީ ވަކީލެކެވެ. ރީމާވަނީ ކޮންގްރެސްގައި ވެސް ވަޒީފާ އަދާކުރައްވާފައެވެ.

ބައިޑަންގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް އިޚްތިޔާރު ކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި ދާޚިލީ އަމަނާބެހޭ ވަޒީރުކަމަށް އެލެކަންޑްރޯ މަޔޯރްކާސް ، މާލީ ވަޒީރު ކަމަށް ޖެނެޓް ޔެލެން އަދި ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމަށް އެވްރިލް ހޭންސް އިޚްތިޔާރު ކުރެއްވުން ހިމެނެއެވެ. (ނޫސްއެޖެންސީތަށް)

ގުޅޭ ޓެގު
comment ކޮމެންޓް