އެހެން ލީގުތަކުގެ އަޖުމަ ބަލައިލަން އިސްކޯ ބޭނުންވޭ: އޭޖެންޓް

ރެއާލްގެ މިޑްފީލްޑާރު އިސްކޯ

ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު އިސްކޯ އެހެން ލީގުތަކުގެ އަޖުމަ ބަލައިލަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ރެއާލް މެޑްރިޑްގައި މިވަގުތު ހުރީ ހިތްހަމަ ޖެހިގެން ކަމަށް އޭނާގެ ބައްޕަ އަދި އޭޖެންޓް ފްރެންސިސްކޯ އަލަރްކޯން ބުނެފި އެވެ.

ޔޫރޮޕުގެ އެންމެ ކާމިޔާބު ސްކޮޑުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ރެއާލް މެޑްރިޑްގެ ޗެމްޕިއަންސް ލީގު ޓްރެބަލް ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އިސްކޯއަށް މިފަހަކަށް އައިސް ދިމާވެފައިވާ މައްސަލަތަކާ އެކު، އޭނާ ދަނޑުމަތީގައި ފެންނަ މިންވަރު ވަނީ މަދުވެފަ އެވެ. ފޯމު ކެޓުމާއި އަނިޔާގެ ޝިކާރައަކަށްވެ ގިނަ މެޗުތަކުގައި ބެންޗުން ފަށަން ޖެހުމާ އެކު އިސްކޯގެ މުސްތަގުބަލާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްކޯ މި ސީޒަން ނިމުމާ އެކު އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މީގެ ތިން އަހަރު ކުރިން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިތުބާރު ގެއްލި އިސްކޯއަށް ފުރުސަތު ލިބެން މަދުވާން ފެށުމާ އެކު ގިނަ ކުލަބުތަކަކުން އޭނާ ބޭނުންވާކަން ވެސް މީގެ ކުރިން ވަނީ ހާމަ ކޮށްފަ އެވެ. އަދި އެހެންމެ ސްޕެނިޝް ލީގުން ބޭރުގައި މިހާތަނަށް ކުޅެފައި ނުވާ އިސްކޯ އެހެން ލީގެއްގެ އަޖުމަ ބަލައިލަން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފަ އެވެ.

"މިވަގުތު އެެއްވެސް ކުލަބެެއްގެ އޮފާއެއް އައިސްފައެއް ނެތް. އެހެނަސް އިސްކޯ އެހެން ލީގެެއްގެ އަޖުމަ ބަލައިލަން ބޭނުންވޭ،" އިސްކޯގެ ބައްޕަ އަދި އޭނާގެ އޭޖެންޓުކަން ވެސް ކުރަމުން އަންނަ ފްރެންސިސްކޯ ބުނެފައިވެ އެވެ.

ފްރެންސިސްކޯ ބުނީ، ކޮންމެ ގޮތެެއް މުސްތަގުބަލުގައި ދިމާވި ނަމަވެސް އޭނާގެ ދަރިފުޅު އިސްކޯ އެންމެ ލޯބިވާ ކުލަބަކީ ރެއާލް މެޑްރިޑް ކަމަށެވެ. އަދި އެކުލަބުގައި އޭނާއަށް މިވަގުތު ފުރުސަތު ނުލިބުނު ނަމަވެސް ހުރީ އުފަލުން ކަމަށާއި، ރެއާލް މެޑްރިޑަކީ އިސްކޯގެ ހުވަފެނީ ކުލަބު ކަމަށެވެ.

ވެލެންސިއާ އާއި މަލާގާގެ ކުރީގެ ކުޅުންތެރިޔާ ރެއާލް މެޑްރިޑާ ގުޅުނީ 2013 ވަނަ އަހަރެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ކުޅުނީ އެޓޭކިން މިޑްފީލްޑަރުގެ ނުވަތަ ސެކަންޑް ސްޓްރައިކަރެއްގެ ރޯލަށެވެ. އެކަމަކު މެޑްރިޑަށް ބަދަލުވެ ކުރީކޮޅު އޭނާ ލައްވާ ޕްލޭމޭކަރެއްގެ ކުޅުވައި މިހާރު ބޮޑަށް ފެންނަނީ އެޓޭކިންގް މިޑްފީލްޑަރެއްގެ ރޯލުންނެވެ.

comment ކޮމެންޓް