މާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ސިޓީ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭ ފަޅުތެރޭ މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ މާލޭ ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:43 ހާއިރު ލިބިފައިވާ ކަމަށެވެ.

ފެނުނުއިރުވެސް އޭނާ އޮތީ މަރުވެފަ އެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތުގެ 58 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީގެ 30 މިނެޓް ކުރީން އައިޖީއެމްއެޗަށް ފިރިހެނެއް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މާލޭ ފަޅުން މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އެމީހާއަކީ 50 އަހަރުން މަތީގެ މީހެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ ގޮތުގައި މާލޭގެ ޕޮލިސް ޓޯ ޔާޑާ ދިމާލު މޫދު ފަޅުން ވަނީ މީހަކު ފެނިފައެވެ.

އައިޖީއެމްއެޗު ކައިރީ މޫދުން މިދިޔަ މަހުގެ 23 ގައި ވަނީ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 31 އަހަރުގެ، ގދ. ވާދޫ، ރިމެމްބާކަދަވާޑް، މުހައްމަދު ސިދުރަތުﷲ އެވެ.

ސިދުރަތުގެ މަރާ މެދު ސުވާލު އުފެދޭތީ ވަނީ އޭނާގެ ޕޯސްޓްމޯޓެމް ހަދާފައެވެ. އޭނާ މަރުވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓެމް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް