ރޮނާލްޑޯއަށް ވެސް ވަކި ހާއްސަ ތަފާތުކަމެއް ނެތް: ޕިރްލޯ

ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ//ލައިވްސްކޯ

އެންމެ ފަހުގެ އިޓާލިއަން ލީގު ޗެމްޕިއަން ޔުވެންޓަސްގައި ކުޅުންތެރިންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅޭ ކަމަށާއި، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ކަންތައް ކުރަނީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ކަމަށް އެ ޓީމުގެ ކޯޗު އަަންދްރެއާ ޕިރްލޯ ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ފަސްފަހަރަކު ހޯދާފައިވާ ރޮނާލްޑޯ މިފަހަރުގެ ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޮވިޑްގެ ޝިކާރައަކަށްވެ ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް ރޮނާލްޑޯ އެނބުރި އައިސް ކުރިން ހުރި ފޯމުގައި ކުޅެ މިހާތަނަށް ވަނީ ހަ މެޗުން އަށް ގޯލު ޖަހައިފަ އެވެ.

އެންމެ ފަހުން ލީގުގައި ކަގިލާރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެ ގޯލު ޖަހައި ޔުވެންޓަސްއަށް މެޗު ކާމިޔާބުކޮށްދިން ރޮނާލްޑޯ ވަނީ މި އަހަރު ޔުވެންޓަސްއިން ޖެހި 59 ގޯލުގެ ތެރެއިން 29 ގޯލު ޖަހައިފަ އެވެ. އުމުރުން 35 އަހަރުގައި ވެސް ރޮނާލްޑޯގެ ފޯމަށް ވަކި ބަދަލެއް ނައިސް އެއްވަރެއްގައި ހިފަހައްޓަމުން އަންނަ އިރު، އޭގެ ސިއްރަކީ ރޮނާލްޑޯގެ މޯޓިވޭޝަންއާއި، ބުރަ މަސައްކަތް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ފެރެންކްވަރޯސްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާ އިރު، ރޮނާލްޑޯއަށް ވަކި ހާއްސަ ތަފާތުކަމެއް މެޗުގައި ނެތް ކަމަށާއި، އޭނާއާ މެދު ކަންތައް ކުރާނީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ކަމަށް އެ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ޕިރްލޯ ވަނީ ބުނެފަ އެވެ.

"އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި އިރު ދަސްވި އެއްޗަކީ އެއްވެސް ކުޅުންތެރިއަކު ތަފާތު ކުރުމެއް ނެތްކަން. އެކަން ކޯޗެެއްގެ ގޮތުގައި ވެސް ދަމަހައްޓާނަން. ރޮނާލްޑޯ ވީމާ ހުރިހާ ފްރީކިކެއް ދޭން ޖެހޭނެ ކަމަށް ވަކި ގަބޫލެއް ނުކުރަން. އެހެން ކުޅުންތެރިން ވެސް މަސައްކަތް ކޮށްގެން ފުރުސަތު ހޯދަންވީ،" ޕިރްލޯ ބުންޏެވެ.

ޕިރްލޯ ބުނީ، ރޮނާލްޑޯ އަކީ ދަނޑާއި، ދަނޑުން ބޭރުގައި ވެސް ވަރަށް ހިތްހެޔޮ މީހުންނާ ގުޅޭ މިޒާޖެއްގެ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން އޭނާއާ އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެންދާ ކަމަށާއި، ރޮނާލްޑޯ އަކީ ވެސް ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން ރޮނާލްޑޯއާ ދޭތެރޭ ކަން ކުރަނީ ޗެމްޕިއަނަކަށް ކަންކުރާ އުސޫލުން. ހަމަ އެގޮތަށް ދެން ސްކޮޑުގައި ބާކީ ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް ކަންތައް ކުރާނީ. އެއީ އެންމެ ޒުވާން އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއަށް ވިޔަސްމެ."

comment ކޮމެންޓް