ނާޒިމް ތަޅުމުގައި ނެތީސް އޭނާގެ ސިސްޓަމުން އެހެން މެމްބަރަކު ވޯޓުލީ މައްސަލައެއް

ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް

ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތް ވަގުތެއްގައި، އެ މެމްބަރުގެ ސިސްޓަމުން އެހެން މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ ފެންމަތިވީ އަސާސީ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށް އޮތޯރިޓީއެއް އުފައްދަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް" ފާސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގަ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް މަޖިލީހަށް ހުށަހެއްޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެވެ.

އެ ބިލް ފާސްކުރަން ވޯޓު ނެގި ގަޑީގައި، މެމްބަރު ނާޒިމް ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތެވެ. ނަމަވެސް އެ ވޯޓުގައި ބައިވެރިވެ މެމްބަރު ވޯޓު ދެއްވި ކަމަށް ސިސްޓަމުން ވަނީ ދައްކައިފައެވެ.

ވޯޓު ނަގާ ނިމުމާއެކު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ވޯޓު ބާތިލް ކަމަށެވެ.

"ތަޅުމުގައި ނެތް އިއްޒަތްތެރި މެމްބަރެއްގެ ވޯޓު އެބަ އިން ރަޖިސްޓްރީވެފައި. އެއީ ވަރަށް ދެރަ ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެއީ ނިޒާމުގެ މައްސަލައަކަށް ވެސް ނުވަތަ އެހެން މައްސަލައަކަށް ވެސް ވެދާނެ ކަމަށާއި، ނަމަވެސް ވޯޓު ދިން ވަގުތު ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ތަޅުމުގައި ނެތް ކަމަށެވެ.

އަދި މަޖިލިސް ރައީސް ވަނީ އެއްވެސް މެމްބަރަކު އެހެން މެމްބަރެއްގެ އެއްޗެއްސާ ކުޅެގެން ނުވާނެ ކަމަށާއި އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

"އެއްގޮތަކަށް ވެސް މިކަން މިހެން ހިނގައިގެނެއް ނުވާނެ. އަޅުގަނޑު އެކަމާ ގުޅޭ ގޮތުން އަމީންއާންމާ ވެސް ކައުންސެލް ޖެނެރަލް އާވެސް މަޝްވަރާ ކުރާނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެ ވޯޓު ނުގުނޭނެ ކަމަށް ވިދާޅުވެ، އަލުން ވަނީ އެ ބިލަށް ވޯޓަށް އަހައިފައެވެ. އެ ބިލު ފާސްވީ 63 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ވޯޓަށް ފަހު ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެއް ދާއިރާއެއްގެ ވޯޓު، އެހެން ދާއިރާއެއްގެ މެމްބަރަކަށް ލެވިދާނެ ކަމަށް ދެކެވަޑައިގެން ނުވާނެ ކަމަށާއި އަދި އެކަމުގައި އެއްވެސް ބަހުސެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން މެމްބަރެއްގެ ތަކެއްޗާ ކުޅުއްވައި، ދަނގެތީ ދާއިރާގެ މެމްބަރުގެ ސިސްޓަމުން ވޯޓު ދެއްވީ ކޮން މެމްބަރެއް ކަމަށް ނިންމެން ނެތް ކަމަށެވެ.

"ވަށައިގެން އެބަތިއްބެވި ހަތަރު އިއްޒަތްތެރި މެމްބަރުން. އެއިން ކޮންމެ އިއްޒަތްތެރި މެމްބަރަކަށް ވެސް އަތް ފޯރާ. އެހެންވީމަ އަތްފޯރާ ފަށުގައި ތިއްބެވި މެމްބަރުން އަތްފޯރުވާފައި އޮތުމަކީ އެކަށީގެންވާ ކަމެއް. ވަކި އިއްޒަތްތެރި މެމްބަރެކޭ ދެންނެވޭކަށް ނޯންނާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ ވާހަކަފުޅަށް ފަހު، ކެނދިކުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސަ ވިދާޅުވީ މަޖިލީހުގެ ތަޅުމަކީ ވަށައިގެން ސީސީޓީވީ ހަރުކޮށްފައި ހުރި ތަނެއް ކަމަށާއި، އެހެންކަމުން މަޖިލީހުގެ އިދާރާއިން އެ މައްސަލަ ބަލައި، މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް މައްސަލަ ފޮނުވައި އެކަން ކުރެއްވި މެމްބަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށެވެ.

އަދި މެމްބަރު ނާޒިމްގެ ސިސްޓަމުން ވޯޓު ދެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މެމްބަރު ތޯރިގު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑެއް ނުކުޅެން. ކޮންމެސް އެހެން މެމްބަރަކު ތި ކުޅުއްވީ،" ތޯރިގު ވިދާޅުވި އެވެ.

comment ކޮމެންޓް