ހޮންކޮންގްގެ މުޒާހަރާތަކާ ގުޅިގެން އެކްޓިވިސްޓު ޖޯޝުއާ ވޮންގް ހައްޔަރުކޮށްފި

ޖޯޝުއާ ވޮންގް (ވ)، އިވަން ލާމް (މ) އަދި އެގްނެސް ޗޯ -- ފޮޓޯ: އޭޕީ

ހޮންކޮންގް (ނޮވެމްބަރު 23): ހޮންކޮންގްގައި މިދިޔަ އަހަރު ބޭއްވި މުޒާހަރާތަކުގައި ފުލުހުންގެ ހެޑްކުއާޓާސް ކުރިމަތީ ބޭއްވި އެއްވުމަކާ ގުޅިގެން ޑިމޮކްރަސީ އެކްޓިވިސްޓު ޖޯޝުއާ ވޮންގް އާއި އިތުރު ދެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.

ހޮންކޮންގްގައި ޑިމޮކްރަސީ ފުޅާ ކުރަން ގޮވާލާ އެކްޓިވިސްޓުން ކަމަށްވާ ވޮންގް އާއި އިވަން ލާމް އާއި އެގްނެސް ޗޯ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖޫން 21ގައި އެ ސިޓީގެ ފުލުހުންގެ ހެޑްކުއާޓާސް ކުރިމަތީގައި 15 ގަޑި އިރުވަންދެން ގަވާއިދާ ހިލާފަށް ބޭއްވި އެއްވުމަކާ ގުޅިގެންނެވެ. އަދި އެ ތިން މީހުންގެ މައްޗަށް ވަނީ އެ އެއްވުމުގައި ބައިވެރިވެ، ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލައިގައި ވޮންގް، ލާމް އަދި ޗޯ މިއަދު ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ވަނީ އެ މީހުންގެ ވަކީލުންގެ ލަފާގެ މަތިން، ކުށަށް އިއުތިރާފު ވެފަ އެވެ. އަދި އެ މައްސަލައިގައި ހުކުމް ކުރަންދެން އެ ތިން މީހުންގެ މައްޗަށް ވަނީ ޑިސެމްބަރު ދޭކާ ހަމަޔަށް މުއްދަތު ޖަހާފަ އެވެ.

ވޮންގް ބުނި ގޮތުގައި އެ ދައުވާތަކުގެ ސަބަބުން އޭނާ ފަހަތަކަށް ނުޖެހޭނެ އެވެ. އަދި އެ މީހުން ހައްޔަރު ކުރިޔަސް، އިންތިހާބުތަކުގައި ވާދަ ކުރުން މަނާ ކުރިޔަސް އެމީހުންގެ މަސައްކަތްތައް ނުހުއްޓުވޭނެ އެވެ.

"އަޅުގަނޑުމެން މިހާރު މިކުރާ ކަމަކީ މިނިވަންކަމުގެ މުހިއްމުކަން މުޅި ދުނިޔެއަށް ދައްކައި ދިނުން، އަދި އެކަމަށް އަޅުގަނޑުމެންގެ މިނިވަންކަން ގުރުބާން ކުރަންވެސް މިތިބީ ތައްޔާރަށް،" ވޮންގް ބުންޏެވެ.

ވޮންގްގެ އިތުރުން ލާމް އާއި ޗޯ ވެސް ވަނީ ޖަލަށް ދާން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

ފޭސްބުކް މެދުވެރިކޮށް އިއްޔެ ޗޯ ބުނި ގޮތުގައި އޭނާ ޖަލަށް ލާން ހުކުމްކޮށްފި ނަމަ އެ ވާނީ އޭނާ ޖަލަށް ލާ ފުރަތަމަ ފަހަރަށެވެ. އަދި އެކަމަށް "ނަފްސާނީ ގޮތުން ތައްޔާރު ވެގެން ހުރި ނަމަވެސް ކުޑަކޮށް ބިރު ގަންނަ" ކަމަށް 23 އަހަރުގެ ޗޯ ބުންޏެވެ.

އުމުރުން 24 އަހަރުގެ ވޮންގް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖަލަށް ލާފައިވެ އެވެ. އޭނާއަށް ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ، ހޮންކޮންގްގެ ލީޑަރުން އާއްމު އިންތިހާބަކުން ހޮވުމުގެ ފުރުސަތު ދިނުމަށް ގޮވާލާ 2014 ވަނަ އަހަރު ބޭއްވި އަމްބްރެލާ މޫވްމެންޓުގައި ބައިވެރިވުމުންނެވެ. އަދި މިދިޔަ އަހަރު ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައިވެސް އޭނާ ބައިވެރިވި އެވެ.

ހޮންކޮންގް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮންނަތާ 150އަށް ވުރެ ގިނަ އަހަރު ފަހުން އެ ސަރަހައްދު ޗައިނާއާ ހަވާލު ކުރީ 1997ގަ އެވެ. އެއީ 2047އާ ޖެހެންދެން އެ ސަރަހައްދުގައި 'އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލު ގެންގުޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރުވުމަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެހެން ސަރަހަައްދުތަކަށް ނުލިބޭ މިނިވަންކަމެއް ހޮންކޮންގްއަށް ލިބެ އެވެ. އޭގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި އަމިއްލަ ޖުޑިޝަރީއެއް އޮތުން ހިމެނެ އެވެ. ނަމަވެސް މިހާރު ހޮންކޮންގްގައި ޗައިނާގެ މައި ސަރުކާރުގެ ނުފޫޒު އިތުރުވެ، އެ ސަރަހައްދުގެ މިނިވަންކަން ގެއްލެމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް