ޕީކޭއާއި ރޮބާޓޯއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް އަނިޔާވެފައި --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭއާއި، ސާޖިއޯ ރޮބާޓޯއަށް އަނިޔާވެ ، ގިނަ ދުވަސްތަކެއް ކުޅުމާ ދުރަށް ދާންޖެހިފައިވާކަން އެކުލަބުން ހާމަކޮށްފި އެވެ.

ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި ބާސެލޯނާގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ޖެރާޑް ޕީކޭއާއި ސާޖިއޯ ރޮބާޓޯއަށް ލިބުނު އަނިޔާތަކާ ގުޅިގެން ޑިފެންޑަރުންގެ ދަތިކަން ކުލަބަށް ވަނީ ކުރިމަތިވެފަ އެވެ. އެ މެޗުގެ މެދަކާ ހިސާބުން އެތުލެޓިކޯގެ ފޯވާޑް އޭންހެލް ކޮރިއާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕީކޭއަށް އަނިޔާވެގެން ބަދަލަކުރަން ޖެހުނެވެ. އަދި ބަދަލުތައް ހުސްވެފައިވަނިކޮށް ރޮބާޓޯއަށް އަނިޔާވެގެން އޭނާ ވެސް ވަނީ މެޗު ނިމެން ދަނިކޮށް ބާލައިފަ އެވެ.

ބާސެލޯނާއިން 10 ކުޅުންތެރިންނާ އެކު ނިންމާލި އެ މެޗުން ލިބުނު ބައްޔާ އެކު ތާވަލުގެ 10 ވަނައަށް އެ ޓީމު ވަނީ ވެއްޓިފަ އެވެ. އަދި އެހެންމެ ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމާއެކު، ޓީމުގެ ޑިފެންސުގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާވުމުން އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބާސެލޯނާއިން ރޭ ހާމަކުރި ގޮތުގައި ޕީކޭގެ ކަކުލު ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު ޓެސްޓްތަކެއް ދަނީ ހަދަމުންނެވެ. އެ ޓެސްޓްތަކަށް ފަހު ސާޖަރީއަކަށް އޭނާ ދާން ޖެހިއްޖެ ނަމަ ހަ މަސް ދުވަސް ކުޅުމާ ދުރުގައި އޭނާ މަޑުކުރަން ޖެހޭނެ އެވެ. އެކަމަކު އަމިއްލައަށް ރަނގަޅުވެއްޖެ ނަމަ ދެ މަސް ދުވަސްތެރޭ އޭނާއަށް ކުޅެވޭނެ އެވެ.

އަނެއްކޮޅުން ރޮބާޓޯގެ ފަލަމަސްގަނޑު އިރައިގެން ދިއުމާ ގުޅިގެން އޭނާ ވެސް ދެ މަސް ކުޅުމާ ދުރުގައި މަޑުކުރަން ޖެހޭނެ ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.

ސީޒަންގެ މުހިއްމު ހިސާބަކަށް ދިޔައިރު، ބާސެލޯނާގެ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ތިބީ އަނިޔާގަ އެވެ. އެ ޓީމުގެ ފޯވާޑް އަންސޫ ފާޓީއާއި މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްއަށް ވެސް މިފަހުން އަނިޔާވެފައިވާ އިރު، ސަމުއެލް އުމްޓިޓީ އަދި ރޮނާލްޑް އަރައުހޯ ވެސް ހުރީ އަނިޔާގަ އެވެ.

comment ކޮމެންޓް