އަބްދުﷲ ގާޒީގެ މައްސަލައާ ބެހޭ ގޮތުން ވެސް އަމަލު ކުރީ ކުރިން ވެސް އަމަލު ކުރާ ގޮތަށް: ހައި ކޯޓް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓް ބާތިލް ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުމުން، އެ ޗިޓަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރު ކުރީ އާންމުކޮށް އެ ކޯޓުން އަމަލުކުރާ އުސޫލުން ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައި ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވާ ޗިޓާއި ސުޕީރިއާ ކޯޓުތަކަށް ހާޒިރުވުމަށް އަންގާ އަމުރުތަކާ ގުޅޭ ގޮތުން ހައިކޯޓުން އަމަލު ކުރަމުންދާ ގޮތާ ބެހޭ ގޮތުން، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް މީޑިއާތަކުގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ.

މުއައްސަސާތަކުގެ ވެރިންނާއި ހިންގަން ތިބޭ އިސްފަރާތްތަށް ކޯޓަށް ހާޒިރުވުމަށް ފޮނުވޭ އަމުރުތަކާއި ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވާ ޗިޓްތައް ހައިކޯޓަށް ހުށަހެޅި، ބަލަމުން އައުމަކީ ކުރީއްސުރެ ވެސް އަމަލުކުރެވެމުންދާ އުސޫލުކަމާއި އެއީ ހައިކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްކަން ބަންޑާރަ ނާއިބާއި ހުރިހާ ގާނޫނީ ވަކީލުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެފަދަ މައްސަލަތައް ބަންޑާރަ ނާއިބުގެ ފަރާތުން ވެސް ހުށަހަޅާފައިވާއިރު ހާޒިރުވުމަށް ފޮނުވާ ޗިޓް ނުވަތަ އަމުރުގެ ވަގުތު ޖެހުމުގެ ކުރިން، ނުރަސްމީ ގަޑިތަކުގައި ވެސް އެފަދަ ޗިޓްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހައިކޯޓުގެ ފަރާތުން އަބަދުވެސް އަޅަމުން އަންނަ ކަމަށެވެ.

"ނުރަސްމީ ގަޑިތަކުގައި ވެސް އެފަދަ ޗިޓްތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހައިކޯޓުގެ ފަރާތުން އަބަދުވެސް އަންނީ އަޅަމުން. މި ގޮތުން، ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ފަސީހު، މަދަނީ ކޯޓަށް ހާޒިރުވުމަށް ކުރެވުނު އަމުރާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ސިވިލް ކޯޓަށް ހާޒިރުކުރުމަށް ކުރެވުނު އަމުރާއި، ހެލުތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ނެރެވުނު އަމުރާއި އަދި ބަންޑާރަ ނާއިބު، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ކުރެވުނު އަމުރަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން ވާނީ އަމުރުކޮށްފަ އެވެ،" ހައިކޯޓުގެ ބަޔާނުގައިވެ އެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައަކާ ގުޅިގެން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ހައިކޯޓުން ހުއްޓުވާފައިވާ ކަމަށް ދެކެވެމުންދާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށާއި ޖޭއެސްސީން އަބްދުﷲ ގާޒީ އާ ބެހޭ ގޮތުން ނިންމާފައިވާ ނިންމުމަކާ ބެހޭ އެއްވެސް މައްސަލައެއް ހައިކޯޓަކަށް އަދި މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު