ލަންކާގެ ޖަލުން ފިލި ގައިދީ ހޯދައި، ހައްޔަރުކޮށްފި

ލަންކާގެ ކޮވިޑް ޓާސްކް ފޯސްއިން ބުނި ގޮތުގައި 500އަށް ވުރެ ގިނަ ގައިދީން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި -- ފޮޓޯ: އޭޕީ

ކޮލަމްބޯ ނޮވެމްބަރު 19): ސްރީލަންކާގެ ކެންޑީގައި ހުންނަ ބޮގަމްބަރާ ޖަލުން އިއްޔެ ފިލި ގައިދީ ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ޑިޕާޓްމެންޓް އޮފް ޕްރިޒަންސް އިން ބުނެފި އެވެ.

ލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝަރާ އުޕުލްދެނިޔާ ވިދާޅުވި ގޮތުގައި އިއްޔެ ހެނދުނު ބޮގަމްބަރާ ޖަލުން ފިލަން ފަސް މީހަކު މަސައްކަތް ކުރި އެވެ. އަދި އެ މީހުންނާ ދިމާލަށް ޖަލުގެ ގާޑުން ބަޑި ޖެހި އެވެ.

އެ ހާދިސާގައި އެއް ގައިދީއަކު މަރުވި އެވެ. އަދި އިތުރު ގައިދީއަކަށް ސީރިއަސް އަނިޔާތަކެއް ލިބުމުން އޭނާއަށް ދަނީ ކެންޑީގެ ނެޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އުޕުލްދެނިޔާ ވިދާޅުވި ގޮތުގައި ޖަލުން ފިލަން އުޅުނު ބާކީ ދެ މީހުން އެ ގަޑީގައި ހައްޔަރުކޮށްފައިވާ އިރު، ޖަލުން ފިލި މީހާ ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހޯދައިފަ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބަހައްޓާނެ އެވެ.

އުޕުލްދެނިޔާ ވިދާޅުވި ގޮތުގައި އެ ފަސް މީހުންނަކީ ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.

ބޮގަމްބަރާ ޖަލަކީ 138 އަހަރު ވަންދެން އެންމެ ވަރުގަދަ ސެކިއުރިޓީ ޖަލެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހު 2014 ވަނަ އަހަރު ބަންދުކޮށްފައިވާ ޖަލެކެވެ. ނަމަވެސް މިދިޔަ މެއި މަހު ލަންކާއިން ވަނީ އެ ޖަލު ގައިދީންނަށް ކަރަންޓީނު ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފަ އެވެ.

ކެންޑީގެ ބައެއް ރައްޔިތުން ވަނީ ބޮގަމްބަރާ ޖަލު ކަރަންޓީނު ސެންޓަރަކަށް ހެދުމުން ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު ޕާލިމެންޓު މެމްބަރެއް ކަމަށްވާ ލަކްޝްމަން ކިރިއެލާ ވިދާޅުވި ގޮތުގައި އެތައް ސަތޭކަ ގައިދީން ބައިތިއްބާފައިވާ އެ ކަރަންޓީނު ސެންޓަރަކީ ކެންޑީއަށާއި މުޅި ޑިސްޓްރިކްޓަށްވެސް އޮތް ނުރައްކަލެކެވެ.

ލަންކާގެ ތޮއްޖެހިފައިވާ ޖަލުތަކުން މިދިޔަ މަހުގެ ފަހެއްގެ ފަހުން 505 ގައިދީން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ކޮވިޑް ޓާސްކް ފޯސްއިން އިއްޔެ ބުންޏެވެ.

comment ކޮމެންޓް