ފްލައިން ސްކޫލުގެ ކްރޭޝް ލޭންޑް ކުރި ބޯޓަށްވަނީ ހުއްދަނުދޭ ބަދަލުތަކެއް ގެނެސްފައި: ރިޕޯޓް

ޖެނުއަރީ 4، 2020: އައްޑޫ ފްލައިންގް ސްކޫލުގެ މަތިންދާބޯޓެއް ކްރޭޝް ލޭންޑްކޮށްފައި.

މިއަހަރުގެ ކުރީކޮޅު އައްޑޫގައި ހިންގާ އޭޝިއަން އޭވިއޭޝަން އެކަޑަމީ (އޭއޭއޭ) ގެ މަތިންދާބޯޓެއް ލޭންޑިންގް ގިއަރު ފެއިލްވެގެން ރަންވޭއަށް "ކްރޭޝް ލޭންޑް" ކުރަން ޖެހުނު ހާދިސާގައި މަތިންދާބޯޓަށް ހުއްދަދީފައިނުވާ އަދި ޝަރުތު ހަމަނުވާ ބައިތަކެއް ހާދިސާގެ ކުރިން ބޯޓަށް އިތުރުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މަތިންދާބޯޓަށް މިފަދަ ބައިތަކެއް އިންސްޓޯލްކޮށްފައިވާކަން ހާމަވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެކްސިޑެންޓް އިންވެސްޓިގޭޝަން އެންޑް ކޯޑިނޭޓިންގް ކޮމިޓީއިން މި މައްސަލައާއި ގުޅިގެން ސެޕްޓެމްބަރު ހަ ވަނަ ދުވަހު ނެރުނު ޕްރިލިމިނަރީ ތަހުގީގީ ރިޕޯޓުންނެވެ.

ރިޕޯޓުގެ ހޯދުންތަކުގެ ތެރޭގައި ފާހަގަކޮށްފައިވާގޮތުގައި ކްރޭޝް ލޭންޑް ކުރަން ޖެހުނު މަތިންދާބޯޓުގައި އިންސްޓޯލުކޮށްފައިވާ ލޭންޑިންގް ގިއަރު އޭއޭއޭ އިން ހޯދާފައިވަނީ އެމެރިކާގެ ޓެކްސަސް އެއާކްރާފްޓް ސެލްވޭޖް އެޖެންސީއިން ދޭ ޓްރޭސްއެބިލިޓީ ފޯމާއި އެކުގަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓްރޭސްއެބިލިޓީ ފޯމުގައި ވަނީ ލޭންޑިންގް ގިއަރުގެ އެއާވޯދިނެސް ނުވަތަ ރައްކާތެރިކަންް ކަށަވަރުކުރަން ޖެހޭނީ އެ ބައި މަތިންދާބޯޓުގައި އިންސްޓޯލުކުރާ ފަރާތުންކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް މި ބައިތަކަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ފުރިހަމަވާންޖެހޭކަމަށް ކަނޑައަޅާ އެހެން ޝަރުތެއްކަމުގައިވާ "އެމްސީއޭއާރު ފޯމު ވަން" އެއާއެކު ލިބިފައިވާ ބައިތަކެއް ނޫންކަމަށް ފާހަގަކޮށްފަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި "އެމްސީއޭއާރު ފޯމު ވަން" އަކީ މަތިންދާބޯޓުގައި އިންސްޓޯލުކުރެވޭ އެ ބައިގެ އެއާވޯދިނެސް ފޯމެކެވެ.

މީގެ އިތުރުންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭޝިއަން އޭވިއޭޝަން އެކަޑަމީ (އޭއޭއޭ) ގެ މެއިންޓެނެންސް ފެސިލިޓީއިން މަތިންދާބޯޓުގައި އިންސްޓޯލުކުރި "ގިއަރު އަންސޭފް އިންޑިކޭޝަން" ނުވަތަ ގިއަރަށް މައްސަލައެއް ކުރިމަތިވެފައިވާކަން އަންގައިދޭ ޔުނިޓަކީވެސް ހުއްދަދީގެން ގެނެސްފައިވާ މަރާމާތެއްކަން ކަށަވަރުކުރެވެން ނެތެވެ.

ކޮމިޓީގެ ތަހުގީގީ ރިޕޯޓުގައި ވަނީ މި ދެ ކަންތައް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ގެނެސް މިކަންކަން އިތުރަށް ތަހުގީގުކޮށް އެކަމާއި ގުޅޭގޮތުން އެދެވޭ ފިޔަވަޅު އެޅުމަށް ލަފާދީފަ އެވެ. އަދި ކްރޭޝް ލޭންޑް ކުރަން ޖެހުނު މަތިންދާބޯޓުގެ ނޯސް ގިއަރުގެ ލޮކިންގް މެކެނިޒަމް ވަކިކޮށް އެބައި އުފެއްދި ފަރާތަށް ނުވަތަ ހުއްދަދެވިފައިވާ އެހެން ފަރާތަކަށް ފޮނުވައި އިތުރަށް ތަހުގީގުކޮށް ބެލުމަށް އޭއޭއޭ އަށް ރިޕޯޓްގައި ލަފާދީފައިވެ އެވެ.

އައްޑޫ ފްލައިންގް ސްކޫލުގެ މަތިންދާބޯޓެއް ކްރޭޝް ލޭންޑްކޮށްފައިި. (ފޮޓޯ/ޓްވިޓާ)

ކޮމިޓީއިން ވަނީ މަތިންދާބޯޓުތަކަށް ކުރާ މަރާމާތާއި ބަދަލުތަކަކީ ހުއްދަދެވިފައިވާ އަދި އެންމެހާ ޝަރުތުތަކެއް ފުރިހަމަވާ ބައިތަކެއްކަން އެ މަތިންދާބޯޓެއް އޮޕަރޭޓްކުރުމުގެ ކުރިން ކަށަވަރުކުރުމަށްވެސް އޭއޭއޭ އަށް ލަފާދީފަ އެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ މަތިންދާބޯޓުތަކެއްވެސް މަރާމާތަށް ނުވަތަ ބައިތަކެއް އިންސްޓޯލްކުރެވޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހުއްދަ ދިނުމަށްފަހު އެކަމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވުމުންނެވެ.

ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ހާދިސާ ހިނގި ފަހުން ބޯޓު ދުއްވަން އިން ޕައިލެޓް ހާދިސާގައި ރިޕޯޓުކުރި މައްސަލަ އަލުން ނަކަލުކޮށް މައްސަލަ ކުރިމަތިވާންވީ ސަބަބު ހޯދުމަށް ކުރެވުނު އެތައް ޓެސްޓުތަކެއްގައި މި މައްސަލަ ފާހަގަކުރެވިފައެއް ނުވެ އެވެ. އަދި އޭއޭއޭ އިން ދިން މައުލޫމާތުގެ އަލީގައި ކްރޭޝް ލޭންޑް ކުރަން ޖެހުނު މަތިންދާބޯޓަކީ ހާދިސާ ހިނގިއިރު އެއްވެސް ކަހަލަ ޑިފެކްޓްއެއް ނުވަތަ މައްސަލައެއް ފާހަގަކުރެވިފައިވާ މަތިންދާބޯޓެއް ނޫނެވެ.

ރިޕޯޓުގައި ހާދިސާ ކުރިމަތިވާން ސީދާ ވަކި މައްސަލައެއް ފާހަގަކޮށްފައިނުވިނަމަވެސް ނެވިގޭޝަން އަދި މޫސުމުގެ ސަބަބުން ކުރިމަތިވިކަމެއްކަމަށް ނުބެލެވޭކަމަށް ވަނީ ބުނެފަ އެވެ.

އައްޑޫގައި ކްރޭޝް ލޭންޑް ކުރަން ޖެހުނު މަތިންދާބޯޓަކީ ޓެކްސްޓްރޮން އޭވިއޭޝަނުން 1980 ވަނަ އަހަރު ސެސްނާ މަރުކާގެ މަތިންދާބޯޓެކެވެ. ހާދިސާ ކުރިމަތިވިއިރު މަތިންދާބޯޓު ވަނީ 9،140 ގަޑިއިރު އޮޕަރޭޓްކޮށް ބޭނުންކޮށްފަ އެވެ. ބޯޓުގެ އެއާވޯދިނެސް ސެޓްފިކެޓް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދީފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އެންމެ ފަހުން ބޯޓުގެ ޕީރިއޮޑިކް އިންސްޕެކްޝަނެއް (ކޮންމެ 100 ގަޑިއިރަކުން ކުރެވޭ އިންސްޕެކްޝަން) ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

މަތިންދާބޯޓުގެ ލޭންޑިންގް ގިއަރު ފެއިލްވެގެން ކްރޭޝް ލޭންޑް ކުރަން ޖެހުނު ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 4 ވަނަ ދުވަހު ހަވީރު 3:21 ގަ އެވެ. ބޯޓު ކްރޭޝް ލޭންޑް ކުރަން ޖެހުނީ އެ ދުވަހު ދެވަނަ ދަތުރު ކުރުމަށްފަހު އެނބުރި ގަމަށް ޖައްސަން އަންނަނިކޮށެވެ. އެވަގުތު ބޯޓުގައި ތިބީ ދަރިވަރަކާއި އިންސްޓްރަކްޓަރެކެވެ.

ލޭންޑިންގް ގިއަރު ތިރިވެފައިވާކަން ކަށަވަރުނުކުރެވޭތީވެ ދެ ތިން ފަހަރަކު ބޯޓު ވަނީ ވައިގެ ތެރޭގައި ފްލައި އޯވާ ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް ބިންމަތީގައި ތިބި އޭއޭއޭ ގެ ފަރާތްތަކަށް ލޭންޑިންގް ގިއަރު ތިރިވެފައިވާތަން ފެނުނު ނަމަވެސް އެ ގިއަރުތައް "ލޮކް" ވެފައިވާކަން ކަށަވަރުކުރެވޭގޮތެއް ވަނީ ނުވެފަ އެވެ.

އެންމެފަހުން ބޯޓުގެ ކުރޫއިންނަށް ޖެހުނީ ސަލާމަތީ ފިޔަވަޅުތަކާއި އެކު ބޯޓު ރަންވޭއަށް ޖައްސައި ކްރޭޝް ލޭންޑް ކުރާށެވެ. ބޯޓު ޖެއްސުމާއިއެކު ބޯޓުގެ ކުރީގެ ލޭންޑިންގް ގިއަރު ވަނީ މުޅިންހެން ނެއްޓިގެން ގޮސްފަ އެވެ. މި ހާދިސާގައި ބޯޓުގެ ކުރޫއިންނަށް އެއްވެސް އަނިޔާއެއްވެފައެއް ނުވެ އެވެ.

comment ކޮމެންޓް