ވޮޝިންޓަން (ނޮވެމްބަރު 19): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ވާހަކަ ދައްކަވާ، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން އެއްބަސްވެވަޑައިގެންފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ދެ ގައުމުގެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި މޯދީ، ބައިޑެންއަށް މަރުހަބާ ވިދާޅުވި އެވެ. އަދި ދެ ބޭފުޅުން ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަން ކޮންޓްރޯލް ކުރުމާއި އަގުހެޔޮކޮށް ވެކްސިން ފޯރުކޮށްދިނުމާއި މޫސުމަށް އަންނަ ބަދަލުތަކާއި އިންޑޯ-ޕެސިފިކް ރީޖަންގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާ އާއި އެމެރިކާގެ ގުޅުން ރަނގަޅުވެ، މިދިޔަ 10 އަހަރު ތެރޭ އިންޑިއާއަށް އެމެރިކާގެ ފަސް ރައީސުން ޒިޔާރަތް ކުރައްވާފައިވެ އެވެ. އަދި މޯދީ އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުގައި އޮތީވެސް ވަރަށް ގާތް ގުޅުމެކެވެ. އޭގެ ސަބަބުން މޯދީއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭނާ ޓްރަމްޕްގެ ކެންޑިޑޭސީއަށް ތާއިދު ކުރުމާ ގާތަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ދެން ޑިމޮކްރެޓިކް ރައީސެއް ހޮވިއްޖެ ނަމަ ދެ ގައުމުގެ ގުޅުން ހީނަރު ވެދާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، މި މަހުގެ ތިނެއްގައި އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން ބައިޑެން ވަނީ އިންޑިއާގެ ހިންދޫ ވަތަނީ ސަރުކާރުގެ ރަށްވެހިކަމާ ބެހޭ ގާނޫނަށް ފާޑު ވިދާޅުވެފަ އެވެ. އެ ގާނޫނަކީ އިންޑިއާގައި ދިރިއުޅޭ 200 މިލިއަން މުސްލިމުންނާ ދެމެދު ތަފާތު ކުރުމަށް މަގުފަހިކުރާ ގާނޫނެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.