ރިޔާޒް (ނޮވެމްބަރު 19) : ސައޫދީ އަންހެނުންގެ ފުޓްބޯޅަ ލީގެއް އުފައްދައި އެލީގުގެ ކުޅުން ފެށުމަކީ ސައޫދީގެ ކުޅިވަރުގެ މުސްތަގުބަލާއި، ޒުވާނުންގެ ސިއްހަތާއި ފުޓްބޯޅައިގެ ހުނަރުތަށް ތަރައްގީ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ސައޫދީ އަންހެން ފުޓުބޯޅަ ތަރައްގީ ކުރުމަށް މަސައްކަތްކުރާ އެގައުމުގެ އިދާރާ "ސްޕޯޓްސް ފޯ އޯލް ފެޑެރޭޝަން (އެސްއެފްއޭ) އިން ބުނެފިއެވެ.
ސައޫދީ އަންހެނުންގެ ފުޓުބޯޅަ ލީގުގެ ކުޅުން އިއްޔެ ފެށުމުގެ މުނާސަބުގައި ނެރުނު ބަޔާނެއްގައި އެ ފެޑަރޭޝަންގެ ރައީސް ޕްރިންސް ޚާލިދު ބިން އަލްވަލީދު ބިން ތަލާލު ވިދާޅުވީ ސައޫދީ ގެ އާދަކާދައާގުޅޭ ބައެއް ސަބަބުތަކާ ގުޅިގެން ސައޫދީ އަންހެން ފުޓުބޯޅަ އޮތީ އެހެންގައުމުތަކާ އަޅާބަލާއިރު ތަންކޮޅެއް ފަހަތުގައި ކަމުގައެވެ، ނަމަވެސް ސައޫދީ އަންހެން ފުޓުބޯޅަ ލީގެއް އުފައްދައި އެލީގުގެ ކުޅުންފެށުމަކީ އަންހެނުންގެ ބައިނަލްއަގްވާމީ ފުޓްބޯޅާގައި ކުރީ ސަފަށް ނުކުތުމަށް ސައޫދީ އަންހެނުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައެވެ.

ސައޫދީގައި އަންހެނުންގެ ފުޓްބޯޅަ ލީގެއް ފެށުމުގެ ތެރެއިން
"ފިރިހެނުންނެކޭ އެއްގޮތަށް ފުޓްބޯޅައިގެ ހުނަރުވެރިކަން އަންހެނުންގެވެސް ތަރައްގީ ކުރުމަކީ ސައޫދީ ގެ ހުވަފެނެއްކަމަށާ ސައޫދީ ޒުވާން އަންހެނުންގެ މެދުގައި ފުޓްބޯޅައަށް ބޮޑު ތަރުހީބެއް އެބައޮތްކަމަށް" ޕްރިންސް ޚާލިދު ވިދާޅުވިއެވެ.
ސައޫދީގައި ސްޓޭޑިއަމްތަކަށް ފިރިހެނުންނާއެކު އަންހެނުން ދިޔުމުގެ ފުރުސަތު ލިބިދީފައިވަނީ 2018 ވަނަ އަހަރުއެވެ. އެއަހަރުގެ ޖަނަވަރީ މަހު ޖިއްދާގެ އަލްޖައުހަރާ ސްޓޭޑިއަމްގައި ކުޅުނު މެޗެއް ބެލުމަށް ދިޔުމުގެ ފުރުސަތު އަންހެނުންނަށް ދިނުމާއެކު މިހާރު ސައޫދީ އަންހެނުން ސްޓޭޑިޔަމްތަކަށް ވަނުންވަނީ އާންމު ކަމަކަށް ވެފައެވެ.
އަންހެނުންގެ ފުޓުބޯޅަ ލީގެއް އުފައްދާކަން ސައޫދީ ސަރުކާރުން އިއުލާންކޮށްފައި މިއަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް އަންހެނުންގެ ލީގުގެ ކުޅުން ލަސްވެގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުންނެވެ.
ސައޫދީގައި ފުރަތަމަ ފަހަރަށްފެށި އަންހެން ފުޓުބޯޅަ ލީގާއެކު އެގައުމުގެ އަންހެނުންގެ ގިނަ ބަޔަކު ޕްރޮފެޝަނަލް ގޮތެއްގައި ފުޓްބޯޅަކުޅެ ދަނޑުތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން އަންހެނުންގެ ފުޓްބޯޅައިގާ ދުނިޔޭގެ ފެންވަރުގައިވެސް ސައޫދީ އަންހެނުން ހަރަކާތްތެރިވާ ތަން ދާދިއަވަހަށް ފެނިގެންދާނެކަމަށް އުންމީދު ކުރާކަމަށް "ސްޕޯޓްސް ފޯ އޯލް ފެޑެރޭޝަނުން ވަނީ ބުނެފައެވެ. (ސައޫދީ މީޑިއާ)