ފައިޒާ ވެކްސިން: 65 އަހަރުން މަތީގެ މީހުންނަށް 94 ޕަސެންޓް ކާމިޔާބު

ފައިޒާ އާއި ބިއޯންޓެކް ކުންފުނި ގުޅިގެން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް ދީގެންވެސް ކާމިޔާބުކަމަށް ދައްކައިފި އެވެ.

އެގޮތުން އެ ވެކްސިންދިން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން 94 ޕަސެންޓް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ހުރިހާ އުމުރު ފުރައަކާއި ނަސްލެއްގެ މީހުންނަށްވެސް އެ ވެކްސިން މަސައްކަތް ކުރާކަމަށް ވަނީ ބުނެފަ އެވެ.

ފައިޒާއިން އެ ވެކްސިން ތަހުލީލްކޮށްފައިވަނީ 41،000 މީހުންނަށް ދީގެންނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ވެސް ވެކްސިން ދިންއިރު އަނެއްބައި މީހުންނަށް ދީފައިވަނީ "ޕްލެސީބޯ" އެކެވެ.

ފައިޒާއިން މިދިޔަ ހަފްތާގައި ބުނީ ޖުމްލަކޮށް އެ ވެކްސިން 90 ޕަސެންޓް ކާމިޔާބު ކަމަށެެވެ.

ފައިޒާއިން މިހާރު ތައްޔާރުވަމުން ދަނީ އިމެޖެންސީ ހާލަތުގައި އެމެރިކާގައި އެ ވެކްސިން ދިނުމުގެ ހުއްދަ ހޯދުމަށެެވެ.

ފައިޒާއިން ބުނީ އެ ވެކްސިންގެ ސައިޑް އިފެކްޓެއް ފާހަގަކުރެވިފައި ނުވާ ކަމަށެެވެ. ނަމަވެސް ވެކްސިން ޖެހި ބައެއް މީހުން ބޮލުގައި ރިއްސުމާއި ވަރުބަލިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ފައިޒާގެ ވެކްސިންގައި ބޭނުންކޮށްފައިވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. އެ ވެކްސިން ޖެހުމުން ވެކްސިންގެ ޖެނެޓިކް ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެންޓި ބޮޑީސްތައް ހަށިގަނޑުގައި އުފައްދަ އެވެ. --ބީބީސީ

comment ކޮމެންޓް