ޑިސެމްބަރުގެ ނިޔަލަށް އެޗްޑީސީން ކުއްޔަށް ލުއި ދެނީ

އެޗްޑީސީ-- ފައިލް ފޮޓޯ

ކޮވިޑް19އާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭ ކުލީގެ 30 ޕަސަންޓު ދެއްކުން ފަސްކުރުމަށް އެ ކުންފުނިން ނިންމި ނިންމުން، ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކުރަން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށިންނާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާއީ ބިންތަކަށް ވެސް އެ ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޭޕްރީލް މަހުން ފެށިގެން އިންސްޓޯލަމްޓް/ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓު ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި 31 ޑިސެމްބަރުގެ ނިޔަލަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނެފައި ވަނީ ކުލި ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އިތުރު ފޯމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އަދި ކުއްޔަށް ލުއި ދެވޭނީ 31 މާޗު އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށާއި، މިއާއެކު ކޮންމެ މަހަކު ދައްކަން ޖެހޭ އިންސްޓޯލްމަންޓުގެ 70 ޕަސެންޓު އެޗްޑީސީއަށް ދައްކައި ހަލާސްކުރުމުގެ ފުރުސަތު މި އަހަރުގެ އޯގަސްޓު މަހުގެ 15 އާ ހަމައަށް ދެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

ހަމައެއާއެކު، ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފްލެޓް، ގޯތި އަދި ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ މީހުންގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާރު ފޯމު ހުށަހަޅާފައިވާ މީހުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިންސްޓޯލްމަންޓްގެ 30 ޕަސެންޓް ރީފަންޑް ކުރަން ބޭނުން ނަމަ އެކަން އެންގުމުން ރީފަންޑު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ފައިސާ ދެއްކުން ފަސްކުރި މަސްތަކުގެ ކުއްޔަށްވާ ފައިސާ އަނބުރާ ދައްކަން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތެއް ދޭނެ ކަމަށާއި ފައިސާ ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ކަމަށެވެ.

އޭގެ އިތުރުން، އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާ ހުރެ ގަވާއިދުން ފައިސާ ނުދެއްކިފައިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން، އެތަނުގެ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތަށް، ފައިސާ ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެ ލުއިތަކުގެ އިތުރުން އިތުރަށް ރިއާޔަތްކޮށް، އިތުރު ލުއިތަކެއް ފޯރުކޮށްދޭން ޖެހޭ ފަދަ ހާލަތެއްގައި އެފަދަ އިންތިޒާމްތައް އެ ކުންފުނިން ހަަމަޖައްސާދޭނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ ދީފައެވެ.

comment ކޮމެންޓް