އޮބާމާގެ ފޮތުގައި އިންޑިއާގެ އިދިކޮޅު ލީޑަރުންނަށް ތައުރީފު

އެމެރިކާގެ ރައީސް ބަރަކް އޮބާމާ 2010 ވަނަ އަހަރު އިންޑިއާއަށް ވަޑައިގެންނެވި އިރު ބޮޑުވަޒީރު މަންމޯހަން ސިންހުއާ އެކު -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރާ ބެހޭ ގޮތުން ލިޔުއްވާ ދެ ފޮތުގެ ތެރެއިން ފުރަތަމަ ފޮތް ކަމަށްވާ "އަ ޕްރޮމިސްޑް ލޭންޑް"އާ ބެހޭ ގޮތުން އިންޑިއާގައި ވެސް ވަނީ ބަހުސްތަކެއް ފެށިފަ އެވެ. އެއީ އެގައުމުގެ އިދިކޮޅު ލީޑަރުންނާ ބެހޭ ގޮތުން އޮބާމާ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

އޮބާމާގެ ފޮތުގައި އޭނާ ވަނީ 2010 ވަނަ އަހަރު އޭނާ އިންޑިއާއަށް ވަޑައިގެންނެވި އިރު އޭރު އެގައުމުގައި އޮތް ކޮންގްރެސް ޕާޓީގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނާ މެދު ދެކިލެއްވި ގޮތް ހިއްސާ ކުރައްވާފަ އެވެ.

މަންމޯހަން ސިންހު

އިންޑިއާގައި 2004އިން 2014އަށް ވެރިކަން ކުރެއްވި ބޮޑުވަޒީރު މަންމޯހަން ސިންހުއާ ބެހޭ ގޮތުން އޮބާމާ ވިދާޅުވެފައި ވަނީ އެއީ "އިންޑިއާގެ އިގުތިސާދު ބަދަލުކޮށްލި އިސް އާކިޓެކްޓު" ކަމަށާއި އެއީ "ބުއްދިވެރި، ވިސްނުންތެރި އަދި ތެދުވެރި" ބޭފުޅެއް ކަމަށެވެ. އަދި ސިންހު ރައްޔިތުންގެ އިތުބާރު ހޯއްދެވީ އެމީހުންގެ "އިހުސާސްތަކާ ކުޅެގެން ނޫން ކަމަށާއި ނަމަވެސް ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ކޮރަޕްޓުވެފައި ނުވާ ބޭފުޅެއްގެ ލަގަބު" ހޯއްދަވައިގެން ކަމަށް ވިދާޅުވެފަ އެވެ.

އޮބާމާގެ ފޮތުގައިވާ ގޮތުން އޭނާ 2010 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސިންހު ވަނީ އެގައުމުގައި "މުސްލިމުންނާ ދެކޮޅު ފިކުރު ފެތުރި، ހިންދޫ ވަތަނީ ބީޖޭޕީގެ ނުފޫޒު އިތުރުވަމުންދާތީ" ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި އިގުތިސާދީ ދުވެލި މަޑުޖެހެމުން ދިޔުމާއި އަވަށްޓެރި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އިތުރުވަމުން ދިޔުމާ ބެހޭ ގޮތުން ސިންހު ވާހަކަ ދެއްކެވި ކަމަށް އޮބާމާގެ ފޮތުގައި ފާހަގަ ކުރައްވާފައިވެ އެވެ.

"[ސިންހު]އަކީ އާދަޔާ ހިލާފަށް ބުއްދިވެރި އަދި އަބުރުވެރި ބޭފުޅެއްކަން އެ ބައްދަލުވުމުން އަޅުގަނޑަށް އެނގިގެން ދިޔަ،" އޮބާމާގެ ފޮތުގައިވެ އެވެ.

2010 ވަނަ އަހަރު ކޮންގްރެސް ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ސޯނިއާ ގާންދީއާ އެކު ރައީސް ބަރަކް އޮބާމާ -- ފޮޓޯ: ގެޓީ

ސޯނިއާ ގާންދީ

އޮބާމާ އިންޑިއާއަށް ވަޑައިގެންނެވި އިރު ކޮންގްރެސް ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވީ ސޯނިއާ ގާންދީ އެވެ.

"ސްރީލަންކާގައި ވަކިވެގަނެގެން އުޅުނު ބަޔަކު 1991 އަހަރު ވަނަ އަހަރު ދިން ހަމަލާއެއްގައި ސޯނިއާ ގާންދީގެ ފިރިކަލުން އަވަހާރަވުމުން އޭނާ ވަނީ އެ ހިތާމައިން އަރައިގަނެ، އެ އާއިލާގެ ދެމިގެންދާ ބާރު ދައްކުވައިދޭ މިސާލެއްގެ ގޮތުގައި ގައުމުގެ ސިޔާސީ އިސް ފަރާތަކަށްވެ ވަޑައިގެންފަ،" އޮބާމާގެ ފޮތުގައިވެ އެވެ.

އޮބާމާ ވިދާޅުވި ގޮތުގައި އޭނާ އިންޑިއާގައި ހުންނެވި އިރު ބައިވެރިވެވަޑައިގެންނެވި ފަރިއްކޮޅުގައި ގާންދީ ގިނަ ވަގުތު ހޭދަ ކުރެއްވީ ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެހެން މީހުންގެ ވާހަކަތައް އަޑު އެއްސެވުމުގަ އެވެ. އަދި އެކަމަނާ ވާހަކަ ދައްކަވާ އިރު، ސިޔާސަތުތަކާ ގުޅޭ މައުޟޫތަކުގައި ބޮޑުވަޒީރު ސިންހުގެ ނިންމުންތަކަށް އިޝާރާތް ކުރައްވާ، ދަރިކަލުން ރާހުލް ގާންދީއާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވި އެވެ.

މީގެ އިތުރުން ސޯނިއާ ގާންދީއަކީވެސް ވިސްނުންފުޅު ތޫނު ބޭފުޅެއް ކަމަށް ވިދާޅުވެ އޮބާމާ އެކަމަނާއަށް ތައުރީފު ކުރައްވާފައިވެ އެވެ.

ރާހުލް ގާންދީ

އޮބާމާ ވިދާޅުވި ގޮތުގައި ރާހުލް ގާންދީއަކީ "މަންމާފުޅުގެ ރީތިކަން ލިބިފައިވާ އަދި ބުއްދިވެރި، އިހުލާސްތެރި ކަމަށް ބެލެވޭ" ބޭފުޅެކެވެ. އަދި އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ގާންދީ ވަނީ "ޕްރޮގްރެސިވް ޕޮލިޓިކްސް"ގެ މުސްތަގުބަލާ ބެހޭ ގޮތުން އޭނާގެ ހިޔާލު ފާޅު ކުރައްވާ، އޮބާމާގެ 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނާ ބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ. ނަމަވެސް ސިޔާސީ މައިދާނުގައި ގާންދީއާ ބެހޭ ގޮތުން އޮބާމާ މިސާލު ޖެއްސެވީ، "އުނގެނުމުގެ ހުރިހާ މަސައްކަތެއްކޮށް، ޓީޗަރު ރުއްސަން ބޭނުންވާ ދަރިވަރެއް ނަމަވެސް އެކަން ކުރުމަށް ބޭނުންވާ ގާބިލުކަން ނުވަތަ ޝައުގުވެރިކަން ނެތް ދަރިވަރެއް"ގެ ގޮތުގަ އެވެ.

ރައީސް ބަރަކް އޮބާމާ އާއި ކޮންގްރެސް ޕާޓީގެ ރާޙުލް ގާންދީ -- ފޮޓޯ: ޕީޓީއައި

ރާހުލް ގާންދީއާ ބެހޭ ގޮތުން އޮބާމާ އެގޮތަށް ވާހަކަ ދެއްކެވުމުން ކޮންގްރެސް ޕާޓީއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އޮބާމާގެ "އަ ޕްރޮމިސްޑް ލޭންޑް" ނިމެނީ 2011 ވަނަ އަހަރު އުސާމާ ބިން ލާދިންގެ މަރާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ފަހު އެވެ. އަދި ދެވަނަ ފޮތުގައި، 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ގޮތުން ދެކިލައްވާ ގޮތް ވިދާޅުވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް