އެމެރިކާގެ ފަރާތުން ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ޗައިނާގެ ޓެކް ކުންފުނި ކަމަށްވާ ވާވޭގެ ސަބްސިޑަރީ ސްމާޓްފޯނު ކުންފުންޏެއް ކަމަށްވާ "އޮނާ" ކުންފުނި ވިއްކާލުމަށް ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ވަނީ ވާވޭއާއެކު އެމެރިކާއިން ކުރަމުން ގެންދާ ވިޔަފާރިތައް ހުއްޓާލައި އެކުންފުނި ބްލެކްލިސްޓު ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެކުންފުންޏަށް ވިޔަފާރި ކުރަން އުނދަގޫވެ މާލީގޮތުން ވަނީ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.
ވާވޭގެ މިޑްރޭންޖް ސްމާޓްފޯނު ބްރާންޗު ކަމަށްވާ އޮނާ ވިއްކާލުމަށް ނިންމާފައިވަނީ ވަރަށް ގިނަ ކަންތައްތަކަކަށް ވިސްނާފައި ކަމަށް އެކުންފުނިން ބުނެ އެވެ.
ވާވޭ އިން ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ވާވޭ ކުންފުނީގެ ސަލާމަތަށްޓަކައި ވިސްނާފައި ކަމަށެވެ.
އެކުންފުނީގެ ސްމާޓްފޯނުގެ ވިޔަފާރީގެ މުސްތަގުބަލާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ސްމާޓްފޯނަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އެކުންފުނިން ބުންޏެވެ. ސްމާޓްފޯނަށް ބޭނުންވާ ބައެއް ޗިޕްސެޓާއި އެނޫންވެސް ސާމާނު ވާވޭ ގަނެ އުޅުނީ އެމެރިކާއިންނެވެ.
ވާވޭއިން ބުނީ އޮނާ ވިއްކާލުމުން އެ ބްރާންޗުން އެއްވެސް ޝެއާއެއްގެ ހިއްސާއެއް ވާވޭ ނުނަގާނެ ކަމަށާއި އެއިން ލިބޭ އެއްވެސް ފައިދާއެއް ހޯދުމަށް ނުވިސްނާ ކަމަށެވެ.
އޮނާ ވިއްކާލުމަށް ޕްރޮޕޯސް ކުރާ އަގަކީ 15.2 ބިލިއަން ޑޮލަރު ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. އެހެންނަމަވެސް ވާވޭއިން އެކަމާ ގުޅޭގޮތުން ވަކި މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.