ހެޔޮ އާއިލާއެއް ބިނާކުރުމަށް ސަރުކާރުގެ ހަދިޔާއެއް!

ބ. މާޅޮހު ރަށު ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާއިޝަތު މުހައްމަދު ސަރުކާރުގެ ވަޒީފާ އަދާކުރާތާ ފަސް އަހަރު ވެއްޖެ އެވެ. ސްކޫލު ނިންމާލުމަށްފަހު އަދާކުރަން ފެށި ވަޒީފާގައި ދެމިހުރެ، ޑިގްރީ ނިންމާ، ކައިވެނި ކުރި އެވެ. ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް އަހަރުވީތަނާ އެވެ.

އެއްބަނޑު ދައްތަ އަށް ދަރިއަކު ލިބިގެން ވަޒީފާ ދޫކޮށްލަން ޖެހުނުތަން އާއިޝާ އަށް ހުރީ ފެނިފަ އެވެ. އެކަމަކު ދަރިއަކު ލިބުނު ނަމަވެސް ކެރިއަރު ދޫކޮށްލަން އައިޝާ ބޭނުމެއް ނުވެ އެވެ. ދަރިފުޅަށާއި ވަޒީފާ އަށް ވަގުތު ދޭން އޭނާ ބޭނުންވި އެވެ. އައިޝާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރުގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ މުއްދަތު އިތުރު ކުރުމެވެ.

"ކުރިން ވިއްޔާ ތިންމަސް ވާއިރަށް ޖެހޭ ވަޒީފާ އަށް ނިކުންނަން. އެކަމަކު މިހާރު މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސް ލިބުމަކީ ހިތްހަމަ ޖެހުމެއް. ދަރިފުޅު ފުދޭވަރަކަށް ބޮޑުވަންދެން ކައިރީ އެބަ ހުރެވޭ. ހަ މަހަށް ފަހުވެސް ވަޒީފާ އަށް ނިކުތީމާ ފްލެކްސިބަލް ކޮށް މަސައްކަތް ކުރަން އޮފީހުން އެބަ ފުރުސަތު ދޭ،" އައިޝާ ކިޔައިދިނެވެ.

އައިޝާ ބުނިގޮތުގައި މިއީ އާއިލާ އާއެކު ވަގުތު ހޭދަކުރުމަށް ލިބޭ ފުރުސަތެކެވެ. ހަމަޖެހިގެން ދަރިފުޅާއެކު، އެންމެ މުހިއްމު ދުވަސްތައް ހޭދަކޮށްލެވެ އެވެ.

ވިހެއުމާއި ގުޅިގެން މަންމައިންނަށް ހަ މަހުގެ މެޓާނިޓީ ލީވް ދިނުމަށް ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ 2019 ވަނަ އަހަރު އެވެ. ސަރުކާރުގެ މުވައްޒަފުންނާއ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މިހާރު ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ހަ މަހަށް އިތުރު ކޮށްފި އެވެ.

"ނިއުކްލިއަ ފެމިލީއެއްގައި މިހާރު ގިނަ މީހުން އުޅޭނީ. ހާލަތަށް ބަލާއިރު އެންމެ މީހަކު ވަޒީފާ އަދާކޮށްގެން ނެތް ދޯ މާލޭގައި އުޅެވޭކަށް. ދަރިއަކު ލިބުނީމާ ދަރިފުޅުގެ ކުރިމަގަށްވެސް ވިސްނަން ޖެހޭ. އެހެންވެ ދަރިފުޅަށް ހަ މަސް ވީމާ ވަޒީފާ އަށް ނިކުންނަން ފެށީ. ހަ މަސް ވަންދެން ދަރިފުޅުގެ ކައިރީ ހުރެވުނު. އަހަރެމެން އޮފީހުގައި ކުރިން އުޅުނު ބައެއް ކުދިން ޖޮބުން ކެނޑުނު ކިޑެއް ލިބިގެން. ދަރިފުޅު އެހާ ކުޑައިރު ވަޒީފާ އަށް ނިކުންނަން ބޭނުން ނުވާތީ،" އާއިޝާ ބުންޏެވެ.

ދަރިފުޅަށް ތިން މަސްވާއިރު ވަޒީފާ އަށް ނިކުތުމަށް މައިންގެ ހިތް ނުރުހޭނެކަން ޔަގީނެވެ.

އަސްމާ ހަސަން އަކީވެސް ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާކުރާ މުވައްޒަފެކެވެ. އަސްމާގެ ފުރަތަމަ ދަރިފުޅު ލިބުނީ 2016 ވަނަ އަހަރު އެވެ. އޭރު ދަރިފުޅަށް ތިން މަސްވީތަނާ އޭނާ ވަޒީފާ އަށް ނިކުންނަން ޖެހުނެވެ. ދަރިފުޅު ބަލަން ބޮޑުދައިތަ އަކާ ހަވާލުކޮށްފައެވެ. އެކަމަކު ފްލެކްސިބަލް ކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އޮވެއެވެ. ދަރިފުޅު ކައިރިއަށް ދާން ޖެހޭ ހާލަތްތަކުގައި ދިޔުމުގެ ފުރުސަތު އޮވެއެވެ. އެކަމަކު އެއީ އެންމެ ފަސޭހަ ގޮތެއް ނޫނެވެ.

"ދެވަނަ ކިޑެއް ލިބުނީ މިދިޔަ އަހަރު ޖުލައި ގަ. މިފަހަރު ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ދަރިފުޅުގެ ކައިރީ ހަ މަސްވަންދެން ހުންނަން ލިބުނު ލީވް. ހަ މަހުގެ މެޓާނިޓީ ލީވް އެއް ދޭން ފެށުމަކީ ހަމަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކޭ ބުނެވޭނީ. މިހާރު ދަރިފުޅު ތަންކޮޅެއް ބޮޑުވަންދެން ކައިރީ ހުންނަން އެބަ ލިބޭ. އޮފީހަށް ނިކުންނަން މި ޖެހެނީ ހަ މަސް ފަހުން. ބައްޕަ އަށްވެސް އެއް މަސް އެބަ ލިބޭތާދޯ. ކުރިން ލިބޭ ތިން ދުވަހަށްވުރެ އެއް މަހުގެ ޗުއްޓީ އެއް ވަރަށް ރަނގަޅު. ވިހައިގެން ފުރަތަމަ މަސް ފިރިމީހާ ވެސް ހޭދަކުރީ އޮފީހަށް ނުނިކުމެ ގޭގައި،"

އަސްމާ ސިފަކުރާ ގޮތުގައި މި ޗުއްޓީ އަކީ ދަރިފުޅާ ދެމެދު އޮންނަ ބޮންޑު ވަރުގަދަކޮށް، އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް ލިބުނު މުހިއްމު ފުރުސަތެކެވެ. ހާއްސަކޮށް ޕެއިޑް ލީވް އެއްގެ ގޮތުގައި ހަ މަސް ލިބުމަކީ އާއިލާ އަށް ލިބޭ އިތުރު ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

މައިރާ އަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަންމަ އެކެވެ. މައިރާގެ ދެ ކުދިން ތިބޭއިރު ހަގު ދަރިފުޅަށް އަހަރެކެވެ. ދޮށީ ދަރިފުޅަށް ހަތަރު އަހަރެވެ. ހަގު ދަރިފުޅު ވިހައިގެން މައިރާ އަށް ހަ މަހުގެ ޗުއްޓީ އެއް ލިބުނެވެ.

"ކުރިން ފުރަތަމަ ދަރިފުޅު ލިބިގެން އުޅުނު އިރު، ޑިޔުޓީގައި ހުރެފައި އަންނަން ޖެހޭ ފީޑު ކުރަން. ނޫނީ ޕުއްޕު ލީމަ ސާފުކުރަން. މީހަކާ ބަލަން ހަވާލުކޮށްފައި އޭރު ދަނީ،" މައިރާ ބުންޏެވެ.

އެކަމަކު ދެވަނަ ދަރިފުޅު ލިބިގެން ދަރިފުޅަށް ކާންދެން ފެށުމާ ހަމައަށް އޭނާ އަށް ދަރިފުޅު ކައިރީ ހުރުމުގެ ފުރުސަތު ލިބުނެވެ.

"ދަރިފުޅަށް ހަ މަސްވަންދެން ގާތުން ދިނުމަށް އޮންނަނީ. ހަ މަސް ވަންދެން ކައިރީ ހުރެވޭތީ ނުޖެހޭނެތާ ކޮންމެ ފަހަރަކު ފީޑު ކުރަން އަންނާކަށް ނޫނީ. ބޮޓްލް ފީޑު ކުރާކަށްވެސް. ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރަން ފުރުސަތު ލިބުނު،" މައިރާ ބުންޏެވެ.

މެޓާނިޓީ ލީވް އެކްސްޓެންޝަން ނުވަތަ ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ މުއްދަތު އިތުުރު ކުރުމަކީ ވަޒީފާ ދޭ ފަރާތުން، ވަޒީފާ އަދާކުރާ މީހުންނަށް ދެވޭ ހާއްސަ އިނާޔަތެކެވެ. މިއީ މުވައްޒަފުން ވަޒީފާ ދޫކޮށްލުން މަދު ކުރެވޭނެ ކަމެއްވެސް މެއެވެ.

ރާއްޖޭގައި މަންމަ އަށް ހަ މަހުގެ މެޓާނިޓީ ލީވް މުސާރަ އާއެކު ދޭއިރު ބައްޕަ އަށް އެއް މަހުގެ ޗުއްޓީ މުސާރަ އާއެކު ދެއެވެ. މިއީ ދަރިއަކު ލިބިގެން މުސާރ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށްވުރެ ދެމަފިރިންނަށްވެސް ފަސޭހަ އަދި ހިތްހަމަޖެހުން ލިއްބައިދިން ބަދަލެކެވެ.

މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ މުއްދަތު އިތުރު ކުރުމުގެ ވައުދު ފުއްދަވާ އެކަން އިއުލާނު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިހެއުމަށްފަހު ވަޒީފާ ދޫކޮށްލާ މީހުންގެ އަދަދު އިތުރުކަން ފާހަގަ ކުރައްވައިފައެވެ. އަދި އެކަން މަދު ކުރުުމަށް ކުޑަ ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ މުއްދަތު އިތުރު ކުރުމަކީ ސިޔާސަތުތައް އެކުލަވާލާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވައިފައެވެ.

comment ކޮމެންޓް