ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ވަކިކުރަން މަޖިލީހަށް

ޖޭއެސްސީ ހިންގާ އިމާރާތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދ. ޖުޑީޝަލް ދާއިރާ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއެސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެ ކޮމިޝަނުން ބުނީ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގުގެ މައްޗަށް ކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ހިންގި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ އާއި، އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެކޯޓުގެ ގަޒިއްޔާ، 04 މެއި 2015 ގައި ދ.މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ގަޒިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް އަބްދުއްރައްޒާގު ދ. މާއެނބޫދޫ ކޯޓުން ކޯޓު އަމުރު ނެރެ، ދައުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން މާއެނބޫދޫ ކޯޓަށް ހާޒިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ.

މާއެނބޫދޫ ކޯޓުގެ ދެ ގަޒިއްޔާ 04 މެއި 2015 ގައި ނިންމާފައި ވަނިކޮށް، އެ ދެ ގަޒިއްޔާ އަލުން ހިންގާފައިވަނީ އެ ގަޒިއްޔާގައި ކުރިން ހުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު އެނގިހުރެ ގަސްތުގައިކަން، އެ ދެމައްސަލަ ހިންގުމުގެކުރިން، މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ފެކްސް މެސެޖުން އެނެގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދި އެ ފެކްސް މެސެޖް ފޮނުވާފައި ނުވާކަމަށް އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ތަހުގީގަށް އޮޅުވާލާފައިވާކަންފާހަގަ ކުރެވޭ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

އެގޮތުން، އެފެކްސް މެސެޖުގައި މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާ ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީއާއި ޝަރީއަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަދި 6.1 އާއި ހިލާފަށް ކަމަށްވާތީ އެ ދެ ގަޒިއްޔާ އަލުން އެކޯޓުގައި ހިންގުމަށް އަންގައި ބަޔާންކޮށް އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ސޮއިކޮށްފައިވާކަމަށް ޖޭއެސްސީ އިން ބުންޏެވެ.

މި މައްސަލާގައި ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރުމަށް ނިންމާފައިވާއިރު އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ކުޑަހުވަދޫ ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ހަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ބުނާ މައްސަލައަކާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ގަޒިއްޔާގެ ޝަރީއަތަށް އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖްކޮށްފައިވާ ސޮޔެއް ކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީ އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފޯޖްކޮށްފައިވާ ސޮޔެއް ކަމަށް ބުނާ މައްސަލަ މޯލްޑިވްސް ޕޮލިސްސާވިސް އިން ތަހުގީގުކުތަން ފެށުމާ ގުޅިގެން ޖެނުއަރީ ހަތްވަނަ ދުވަހުން ފެށިގެން މެޖިސްޓްރޭޓް އަބްދުއްރައްޒާގު ހުރީ ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް