ހުވާ ކޮށްގެން މިތިބީ ދުސްތޫރު ހިމާޔަތްކުރަން: އެމެރިކާ ސިފައިންގެ ވެރިޔާ

އެމެރިކާ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ

ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާ ސިފައިން މަގާމުގެ ހުވާ ކޮށްފައިވަނީ ރަސްކަލަކަށް، ރާނީއަކަށް، ރައީސަކަށް އަދި ޑިކްޓޭޓަރަކަށް ވާފާތެރިވާން ނޫންކަމަށް އެމެރިކާ ސިފައިންގެ ކޮމާންޑަރު އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާކް އޭ މިލޭ ވިދާޅުވެއްޖެއެވެ.

އެމެރިކާ ސިފައިންގެ ދާރުލްއާސާރެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެނެރަލް މިލޭ ވިދާޅުވީ އެމެރިކާ ސިފައިން މަގާމުގެ ހުވާ ކޮށްފައިވަނީ އެމެރިކާގެ ދުސްތޫރު ހިމާޔަތްކޮށް ދުސްތޫރާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. ބައެއް ގައުމުތަކުގައި ސިފައިން މަގާމުގެ ހުވާކޮށްފައިވަނީ ގައުމަށް، ދީނަށް، ގަބީލާއަށް، ރަސްކަލަކަށް، ރާނީއަކަށް، ރައީސަށް، ފަރުދަކަށް ކަމަށް ވިޔަސް އެމެރިކާ ސިފައިން މަގާމުގެ ހުވާކޮށްފައިވަނީ އެމެރިކާގެ ދުސްތޫރު ހިމާޔަތްކުރުމަށް ކަމަށާ މިއީ އެމެރިކާ ސިފައިންގެ ޚާއްސަ ހާލަތެއްކަމަށް ޖެނެރަލް މިލޭ ވިދާޅުވިއެވެ.

ޖެނެރަލް މިލޭ ވިދާޅުވިގޮތުގައި ހުވައާއެކު އެމެރިކާ ސިފައިންނަށް އޮތް ވާޖިބަކީ އެމެރިކާގެ ދަސްތޫރުގެ ލިޔުން (ޑޮކިއުމެންޓް) ހިމާޔަތްކޮށް އޭގައިވާ ގޮތަށް އަމަލުކުރުމެވެ. މިކަން އެމެރިކާ ސިފައިން ކުރާނެއެވެ.

ޖެނެރަލް މިލޭ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ގަބޫލު ނުކުރައްވައި، ޓްރަމްޕާއި އޭނާގެ ވަޒީރުންނާއި އޭނާގެ ކޮންޓްރޯލްގެ ދަށުގައިވާ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަނުން އެގައުމުގެ އިންތިހާބީ ރައީސް ޖޯ ބައިޑަންއާ ވެރިކަން ހަވާލުކުރުމުގެ އިންތިގާލީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދަމުން ގެންދާ ދަނޑިވަޅެއްގައެވެ.

20 ޖަނަވަރީގައި ޓްރަމްޕްގެ އައު ސަރުކާރެއް

އެމެރިކާގެ ވެރިކަން ހަވާލުކުރާނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައު ސަރުކާރަކަށް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައިވާއިރު ޓްރަމްޕްގެ އިސް މުސްތަޝާރެއް ކަމަށްވާ ޕީޓާ ނެވަރޯ ވަނީ އަންނަ ޖަނަވަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ހަވާލުވާނީވެސް ޓްރަމްޕްގެ އައު ސަރުކާރަކުން ކަމަށް ވިދާޅުވެފައެވެ. މިކަމަށްޓަކައި އައު ސަރުކާރެއް އެކުލަވާލުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ނެވަރޯ ވިދާޅުވިއެވެ.

ޓްރަމްޕްގެ އިގްތިސާދީ މުސްތަޝާރު ޕީޓާ ނެވަރޯ

ފޮކްސް ބިޒިނަސް އަށް ދެއްވި ބަސްދިގަތުމެއްގައި ނެވަރޯ ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު އަދި ނުނިމޭކަމަށާ އިންތިޚާބު ނިމޭއިރު އިންތިޚާބު ކާމިޔާބު ކުރައްވާނީވެސް ޓްރަމްޕް ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ބައެއް ވަޒީރުންނާއި އޭނާގެ އަރިސް ބޭފުޅުންގެ ބަސްމަގު މިގޮތަށް ހުރިއިރު ވައިޓް ހައުސް އަށް ވަދެވަޑައިގަތުމުގެ ފުރުސަތު ނުލިބުނު ކަމުގައިޔަސް 20 ޖަނަވަރީގައި އެމެރިކާގެ ރައީސްކަމުގެ ގާނޫނީ ހުވާކުރައްވާނެ ކަމަށް އެމެރިކާގެ ރައީސުލްމުންތަޚަބު ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން ދެކެނީ ޓްރަމްޕާއި އޭނާގެ ޓީމު ބަޣާވާތަކަށް ތައްޔާރުވަމުންދާ ކަމަށް

އެމެރިކާގެ އިދިކޮޅު ބައެއް ފަރާތްތަކުންވަނީ ޓްރަމްޕާއި އޭނާގެ ވަފާތެރިން ބޮޑު ބަޣާވާތަކަށް ތައްޔާރުވަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. ޓްރަމްޕަށް އެމެރިކާގެ ދޮންމީހުންގެ ހަރުކަށި ފަރާތްތަކުގެ ތާއީދުއޮތްއިރު ޓްރަމްޕްގެ ހަރުކަށި ފިކުރުތަކަށް ތާއީދުކުރާ، އަދި ޓްރަމްޕް އެންގެވި ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ދޮން ނަސްލުގެ ގާތްގަނޑަކަށް 25-30 މިލިޔަން މީހުން ތިބިކަމަށް އަންދާޒާކުރެއެވެ. ހަރުކަށިފިކުރުގެ ދޮންމީހުންގެ ގޭންގްތަކާއި ގްރޫޕްތަކުން ދެ މިލިޔަނަށްވުރެ ގިނަ ހަތިޔާރު ގަނެފައިވާކަމަށް ބައެއް ރިޕޯޓްތަށް ބުނެއެވެ.

ޓްރަމްޕް

ފަރުދީގޮތުން ޓްރަމްޕަށް ވަފާތެރިމީހުން އެމެރިކާގެ އިސް މަގާމުތަކަށް

ޓްރަމްޕް ގެންދަވަނީ އެމެރިކާގެ ސިޔާސީ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ދުރުކޮށް އެމަގާމުތަކަށް ޓްރަމްޕް އަންގަވާ ގޮތެއް ހަދާ، ފަރުދީގޮތުން ވަފާތެރި މީހުން ލުމުގެ މަސައްކަތްތަކެއް ފައްޓަވާފައެވެ.

މިގޮތުން އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ މަގާމުން ދުރުކުރުމަށްފަހު ޕެންޓަގަން ހިންގުންވަނީ ޓްރަމްޕަށް ވަފާތެރި އަދި ވިސްނުން އެއްގޮތް ކްރިސްޓޮފާ މިލާ އާ ހަވާލުކުރައްވާފައެވެ. އަދި އެފްބީއައި، ސީއައިއޭ އަދި ސީކްރެޓް ސާވިސްގެ ވެރިންވެސް މަގާމުން ދުރުކޮށް އެތަންތަނަށްވެސް ޓްރަމްޕަށް ވަފާތެރި ބޭފުޅުން ލެއްވުމުގެ ރޭވުންތަށް ޓްރަމްްޕާއި އޭނާގެ ޓީމުން ކުރިޔަށް ގެންދާކަމަށް ވެއެވެ.

ޓްރަމްޕްގެ ބިރު ދެއްކުންތަކާއެކު އެމެރިކާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާއިރު އެމެރިކާގެ ދިފާއީ ވުޒާރާއާއި އެނޫންވެސް ފެޑަރަލް ބައެއް އިދާރާތަކުގެ ގިނަ މުވައްޒަފުންތަކެއް މިހާރު ގެންދަނީ މަގާމުން އިސްތިއުފާ ދެމުންނެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް