ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގޭޓްސް ފައުންޑޭޝަނުން 70 މިލިއަން ޑޮލަރު

ބިލް އަދި މެލިންޑާ ގޭޓްސް -- ފޮޓޯ: އޭޕީ

ލަންޑަން (ނޮވެމްބަރު 13): ކޮވިޑް ވެކްސިން ހަމަހަމަކަމާ އެކު އެންމެންނަށްވެސް ލިބޭނެކަން ޔަގީން ކުރުމަށްޓަކައި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން 70 މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފި އެވެ.

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ އަނބިކަނބަލުން އަދި ގޭޓްސް ފައުންޑޭޝަންގެ ކޯ-ޗެއާ މެލިންޑާ ގޭޓްސް ނެރުއްވި ބަޔާނެއްގައިވާ ގޮތުން ކޮވިޑް ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ. އެހެންކަމުން ކޮވިޑަށް އުފައްދާ ޓެސްޓުތަކާއި ބޭސްތަކާއި ވެކްސިންތައް އެންމެންނަށް ވެސް ލިބޭނެކަން ކަށަވަރު ކުރަން ޖެހެ އެވެ.

"ކޮވިޑް-19 ވަނީ ހުރިހާ ތަނަކަށް ފެތުރިފަ. ވީމާ ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް އެންމެންނަށްވެސް ޓެސްޓުތަކާއި ބޭސްތަކާއި ވެކްސިންތައް ހަމަހަމަކަމާއެކު ލިބޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރަން އެބަ ޖެހޭ،" އެ ބަޔާނުގައިވެ އެވެ.

ގޭޓްސް ފައުންޑޭޝަން ހަދިޔާ ކުރާ ފައިސާގެ 20 މިލިއަން ޑޮލަރު ދާނީ ވެކްސިން އުފައްދާ މިނިވަން ރިސާޗް މަޝްރޫއުތަކަށް ހަރަދު ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެޔާޑްނެސް އިނޮވޭޝަންސް އަށެވެ. އަދި 50 މިލިއަން ޑޮލަރު ދާނީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ގަވީ ވެކްސިން އެލަޔަންސްއިން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން ކުރިއަށްގެންދާ ކޯވެކްސް އެޑްވާންސް މާކެޓް ކޮމިޓްމެންޓް ގުރޫޕަށެވެ. އެ ގުރޫޕުގެ މަގުސަދަކީ ކޮވިޑް-19އަށް ވެކްސިން ހޯދުމުގެ މަސައްކަތް ވީހާވެސް އަވަސް ކުރުމާއި އެ ވެކްސިން ހުރިހާ ގައުމަކަށްވެސް ލިބޭނެކަން ކަށަވަރު ކުރުމެވެ.

ގޭޓްސް ފައުންޑޭޝަނުން މި ފަހަރު ހަދިޔާ ކުރާނެކަން އިއުލާން ކުރި ފައިސާއާ އެކު، އެ ފައުންޑޭޝަނުން ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ ޖޫން މަހުން ފެށިގެން ހަރަދު ކުރަން ނިންމި ޖުމްލަ ފައިސާގެ އަދަދު މިހާރު ވަނީ 156 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 100އަށް ވުރެ ގިނަ ވެކްސިން އެކި ގައުމުތަކުގައި މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ފަހު މަރުހަލާގެ ޓެސްޓުތައް ކުރިއަށްގެންދާ ދެ ވެކްސިންއަކުން މީހުން ބަލި ޖެހުމުން ދުރުކޮށްދޭ ކަމަށް މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދޭހަވާ ކަމަށް މިދިޔަ ހަފްތާ ތެރޭ ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފައްދާ ކޮވިޑް ވެކްސިން އާއި ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިން އެވެ.

comment ކޮމެންޓް