ކްރޫސްގެ ފާޑުކިޔުން ފީފާ އަދި ޔޫއެފާއަށް: ކުޅުންތެރިންނަކީ ކުޅެން ގެންގުޅޭ ބުދުތަކެއް ނޫން

ކޮންފެޑަރޭޝަންސް ކަޕަށް ނެގި ޖަރުމަންގެ ސްކޮޑުގައި ނުހިމެނޭ ކްރޫސް(ކ)، އޮޒިލް(މ) އަދި މުލާ(ވ) ---

ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި ފެޑެރޭޝަން ފީފާ އަދި ޔޫރޮޕުގެ ޔޫއެފާއިން އަލަށް އިންތިޒާމުކުރާ މުބާރާތްތަކަކީ ކުޅުންތެރިންނަށް އެތައް ގޮތަކުން ބޮޑެތި ގެއްލުންތަކެއް ލިބޭ މުބާރާތްތަކެއް ކަމަށް ބުނެ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް ފާޑު ކިޔައިފި އެވެ.

މީގެ ދެ އަހަރު ކުރިން ޔޫރޮޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗުތަކުގެ ބަދަލުގައި ކުޅުމަށް ޔޫއެފާ ނޭޝަންސް ލީގުގެ ނަމުގައި ވަނީ ގައުމީ ލީގެއް ތައާރަފު ކޮށްފަ އެވެ. އެ ލީގުގެ ދެވަނަ މުބާރާތް މިއަހަރު ފަށައިގެން ކުރިއަށްދާ އިރު ލިބޭ ކޮންމެ އިންޓަނޭޝަނަލް ބްރޭކެއްގައި ގައުމުތަކުން މި ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅެން ޖެހެ އެވެ.

އަދި އެހެންމެ ކުރިން ކުޅެމުން އައި ކްލަބް ވޯލްޑްކަޕް ވެސް އިތުރަށް ފުޅާކޮށް މެޗުތައް އިތުރުކޮށްފައިވާ އިރު، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ޔޫރޮޕިއަން ސުޕަ ލީގުގެ ނަމުގައި އައު ބޮޑު މުބާރާތެއް ބާއްވަން މިހާރު ވަނީ ތައްޔާރީތައް ފަށައިފަ އެވެ. ނަމަވެސް މިއިން ކޮންމެ މުބާރާތަކީ ވެސް ކުޅުންތެރިންނަށް ލިބޭ އިތުރު ބޮލުގެ ރިހުމެއް ކަމަށް ބުނެ ޖަރުމަނު މިޑްފީލްޑަރު ވަނީ ޔޫއެފާއާއި ފީފާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

"އަލަށް މި ތައާރަފު ކުރާ މުބާރާތްތަކަށް ބަލާއިރު ހީވަނީ ކުޅުންތެރިންނަކީ ފީފާއާއި ޔޫއެފާ ކުޅެން ގެންގުޅޭ ބުދުތަކެއްހެން. މިއީ އެ އިދާރާތަކުން މާލީ ބޮޑު މަންފާއެއް ހޯދަން ކުރާ ކަމެއް. އެކަމަކު މީގެ ސަބަބުން ކުޅުންތެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް. ފިޒިކަލީ އަދި މާލީ ގޮތުން ވެސް އެތައް ގެއްލުމެއް ކުޅުންތެރިންނަށް ވޭ،" ކްރޫސް ބުންޏެވެ.

ކްރޫސް ބުނީ، ބައެއް ފަހަރަށް މުބާރާތްތައް އިންތިޒާމު ކުރުމުގެ ކުރިން ކުޅުންތެރިންގެ ހާލަތަށް ވެސް ވިސްނާލުން ބުއްދިވެރި ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މުބާރާތްތައް ކުޅޭ ގޮތަށް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި، ފީފާ އަދި ޔޫއެފާއިން ކުޅުންތެރިންނަށް ލިބޭ ގެއްލުމަކަށް ނުވިސްނާ ކަމަށް ކްރޫސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފަހަކަށް އައިސް ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރުމަށް ކުރާ ސެލަބްރޭޝަންތަކަށް ވެސް ކްރޫސް ވަނީ ފާޑު ކިޔައިފަ އެވެ. ކްރޫސް ބުނި ގޮތުގައި ގޯލު ޖެހުމަށްފަހު ކުޅުންތެރިން އުފާފާޅު ކުރުމުގައި ވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި، ފާޑު ފާޑަށް ނަށައި، މާސްކްތައް އެޅުމަކީ ފުޓުބޯޅައިގެ އަސްލް ގެއްލޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް