ކުރީގެ ސަރުކާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގައިފިއެވެ.
ރައީސަށް ފޮނުއްވި ސިޓީއެއްގައި ޖާބިރު ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރަށް ފަހު ވެރިކަމާ ހަވާލުވި ދެ ރައީސުންގެ ވެސް މަސައްކަތަކަށް ހެއްދެވީ ސަރުކާރުގެ ނަމުގައި އެ ކުންފުންޏަށް އެކި ގޮތްގޮތުން ގެއްލުންދީ، ކުންފުނި ބަނގުރޫޓު ކޮށްލުން ކަމަށެވެ.
އެގޮތުން އެ ކުންފުންޏާއި، އެކުންފުނީގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުން ކުރަމުން އައި ވިޔަފާރިތަކަށް ގަސްދުގައި ދީފައިވާ ގެއްލުންތަކުގެ ވާހަކަ މި ސަރުކާރު އުފެދުނު ފަހުން ވެސް ތަކުރާރުކޮށް ކަމާބެހޭ މުއައްސަސާތަކުގައި ދައްކަމުން އަންނަ ކަމަށެވެ.
އެހެންކަމުން ގެއްލުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ އާދޭހުގެ އަޑު ރައީސް ސޯލިހުގެ ސަރުކާރުން އަހައި، އެކުންފުންޏަށް ލިބިފައިވާ ގެއްލުންތަކަކީ ފާއިތުވި ދެ ސަރުކާރުން ޒާތީ ގޮތެއްގައި އެޅި ފިޔަވަޅުތަކުން ލިބުނު ގެއްލުންތަކެއް ކަމަށް ގަބޫލުކޮށް، ދެ ސަރުކާރުން ނުދީ ހިފަހައްޓާފައިވާ ހައްގުތައް އިންސާފުގެ މަގުން ލިބިދިނުމަށް މި ސަރުކާރުން މަސައްކަތް ކޮށްދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ޔޮޓް ޓުއާސްއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ވެސް ސިޓީގައި ބަޔާންކޮށްދެއްވައިފައެވެ.
- ކުންފުނީގެ އެކައުންޓުތައް އެކި ފަހަރު މަތިން ފްރީޒްކުރުމުން ލިބުނު ގެއްލުން
- މީރާ މެދުވެރިކޮށް އެކުންފުނީގެ 17 ކޮންޓެއިންރު ހިފެހެއްޓުމުން އޭރު ހުޅުވަން މަސައްކަތް ކުރި ގދ. ވަޓަވައްރެހާ ރިސޯޓު ނުހުޅުވި ލަސްވުމުން ލިބުނު ގެއްލުން
- ހއ. އަލިދޫއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް އިން ނުދީ ހިފެހެއްޓުމުގެ ސަބަބުން 200 އެނދުގެ އެ ރިސޯޓު ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ވުމުން ލިބުނު ގެއްލުން
- ހއ. ބީނާފުށްޓާއި ކަނޑާލިފިނޮޅުގައި ރިސޯޓު ތަރައްގީކުރަން ޓޫރިޒަމް އާއެކު ވީ އެއްބަސްވުން ބާތިލުކުރުމުން ލިބުނު ގެއްލުން
- ހދ. ހޮނޑައިދޫ ކުއްޔަށް ދިނުމަށް ސަރުކާރާއެކު ވި އެއްބަސްވުމާ ހިލާފަށް ބާތިލް ކުރުމުން ލިބުނު ގެއްލުން
- ސަރުކާރުން އެ ކުންފުންޏާ ދޭތެރޭ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކ. ދޮންވެލި ރިސޯޓު، ގއ. ފުނަމައުއްޑުއާ އަދި އދ. ކުޑަރަށުގައި އެކުންފުނިން ކޮށްފައިވާ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް ނުއަގައުގައި ވިއްކާލަން ޖެހުމުން ލިބުނު ގެއްލުން
- ލ. ގަން އައްސޭރި ޕްރޮޖެކްޓު އެ ކުންފުންޏަށް އެވޯޑުކުރުމަށްފަހު ކެންސަލް ކުރުމުން ލިބުނު ގެއްލުން
- ސަރުކާރުގެ ނޯޓިސްތަކުގެ ސަބަބުން ތިލަފުށީގައި އިންވެސްޓްކޮށްގެން ކުރަން އުޅުނު ވިޔަފާރި ނުކުރެވުމުން ލިބުނު ގެއްލުން
- ވެސްޓްޕާކް ކެފެޓީރިއާގެ އެއްބަސްވުމާ ސަރުކާރުން ހިލާފުވެ، އެ ކުންފުންޏަށް ބިން ދޫނުކޮށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމުން، ކުރަމުން ދިޔަ ވިޔަފާރި ހުއްޓާލަން ޖެހުމުން ލިބުނު ގެއްލުން
- ޖާބިރުގެ ޕާސްޕޯޓު ކެންސަލްކޮށް "ދިވެހި ރައްޔިތުކަން ގެއްލުވާލުމުން" ވިޔަފާރީގެ އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ރާއްޖޭން ބޭރުގައި ގިނަދުވަހު ހުންނަން ޖެހުމުން ލިބުނު ގެއްލުން
ޖާބިރު ވިދާޅުވީ އެ ގެއްލުންތައް ހިސާބުކުރުމަށް ހަވާލުކުރި އިންޑިޕެންޑެންޓް އިންޓަނޭޝަނަލް އޯޑިޓް ފާމްގެ ރިޕޯޓުގައި، ޔޮޓް ޓުއާސް އާއި އެ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ކުންފުނިތަކަށް 500 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ގެއްލުން ވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"ވީމާ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާތައް މަނިކުފާނުގެ ސަރުކާރުގެ މައްޗަށް ކުރަން މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާތީ، މި ދެންނެވި ދައުވާތައް ކޯޓަށް ހުށަހެޅުމުގެ ކުރިން، މިވާހަކަ ސަރކާރާއި އަދި ޚުދު ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމުގެ ހެޔޮ ނިޔަތުގައި މި ސިޓީ އަރިސްކުރީމެވެ."
ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން ވަނީ އޮކްޓޫބަރު މަހު އަމުރެއް ނެރެފައެވެ.