ދައުލަތަށް 110 މިލިއަން ދައްކަން ސަލްޓަންސްގެ މައްޗަށް ހުކުމްކޮށްފި

110 މިލިއަން ރުފިޔާ ދައްކަން ސަލްޓަންސްގެ މައްޗަށް ހުކުމް ކުރި އަޑުއެހުމުގެ ތެރެއިން --

ސަލްޓަންސް އޮފް ދަ ސީޒްއިން ރާއްޖެއަށް ދެ އުޅަނދެއް އެތެރެ ކުރުމުގައި ޑިއުޓީއަށް މަކަރު ހެދުމުން، ކަސްޓަމްސްއަށް 110 މިލިއަން ރުފިޔާ ދައްކަން އެންގުމުން، އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމެއް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

އެ މައްސަލައިގައި 2007 ވަނަ އަހަރު ރާއްޖެއަށް އެތެރެ ކުރި ދެ ޔޮޓެއްގެ ބްރޭންޑާއި، މޮޑެލްއާއި، އަގު ކަސްޓަމްސްއަށް އޮޅުވާލި ކަމަށް ސަލްޓަންސްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އެ ދެ ޔޮޓަކީ ހަ އަހަރު ވަންދެން ބޭނުންކޮށްފައިވާ ޔޮޓުތަކެއް ކަމަށް ސަލްޓަންސްއިން ބުނެފައިވާ ކަމަށް ކަސްޓަމްއިން ބުނެ އެވެ. އެކަން ހާމަވީ އޮޑިޓެއްގައި ޔޮޓުތަކުގެ ލިޔުންތައް އިތުރަށް ބެލި ބެލުމުންނެވެ.

އެެހެންވެ، އެ ދެ ޔޮޓުތަކުގެ ޑިއުޓީގެ ގޮތުގައި އިތުރަށް، 53.61 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްއިން ސަލްޓަންސްއަށް އެންގި އެވެ. އަދި އޭރު އަމަލު ކުރަމުން ދިޔަ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ޖޫރިމާނާގެ ގޮތުގައި 56.63 މިލިއަން ރުފިޔާ ޖޫރިމާނާ ކުރި އެވެ. މުޅި ޖުމްލަ 110.24 މިލިއަން ރުފިޔާ ދައްކަން އެންގި އެވެ.

އެ ފައިސާ ދެއްކުމަށް ސަލްޓަންސްއަށް އަންގަން އޭރުގެ މަދަނީ ކޯޓުގައި ކަސްޓަމްސްއިން ދައުވާ ކުރުމުން އެ ކޯޓުން އެ ފައިސާ ދައްކަން އެ ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް، ސަލްޓަންސްއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ 110 މިލިއަން ރުފިޔާ ދައްކަން ނުޖެހޭ ކަމަށެވެ.

ހައިކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލަ ކުރިއަށް ނުގެންގޮސް އޮންނަތާ ދުވަސްތަކެއް ފަހުން ސުޕްރީމް ކޯޓުގެ އާ ބެންޗުން ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ. އަދި މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ނިހާއީ ހުކުމެއް އިއްވައިފަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނީ، ސަލްޓަންސްއިން އެ މައްސަލައިގައި އޮޅުވާލިކަން އެނގެން އޮންނަ ކަމަށެވެ. އަދި ސަލްޓަންސްއިން އޮޅުވާލިކަން ތަހުގީގުން ސާބިތުވުމުން، ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގެ ބާރާއި އިހުތިޔާރު ކަސްޓަމްސްއަށް ލިބޭ ކަމަށް ހުކުމުގައިވެ އެވެ.

ޑިއުޓީއާއި ޖޫރިމާނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދޭން މަދަނީ ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ. އަދި އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރި އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރުން އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހިމް އަދި މަހާޒު އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

comment ކޮމެންޓް