ސިދުރަތުﷲ މަރުވީ ގެނބިގެންކަމަށް ޕޯސްޓްމޯޓަމް އިން ދައްކައިފި

ސިދުރަތުﷲ ބްލޫކިޔާމަގުން ހިނގާފައި ދަނީ ---

މާލޭގެ އައިޖީއެމްއެޗު ކައިރިން މޫދާ ދިމާލުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ސިދުރަތުﷲ އަހުމަދު މަރުވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް އިން ދައްކައިފިއެވެ.

ސިދުރަތުﷲގެ ހަށިގަނޑު މޫދުން ފެނިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހެނދުނުގެ ވަގުތުގަ އެވެ. ސިދުރަތުﷲ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މިދިޔަ މަހު 22 ވަނަ ދުވަހު ހެނދުނުގެ ވަގުތު މާލޭގެ ރަސްފަންނު ސަރަހައްދުންނެވެ.

ފުލުހުން ހާމަކުރިގޮތުގައި ސިދުރަތުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ނަތީޖާ އިން ދައްކައިދިން ގޮތުގައި އޭނާ މަރުވެފައިވަނީ ގެނބިގެންކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނިގޮތުގައި ސިދުރަތުﷲގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތް އިރު "އެއްޗެއް ކައިފައިވުމުގެ ސަބަބުން ލިބިފަ ހުރި ޒަހަމެއް" ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތްތަކުން މައުލޫމާތު ދީފައިވާކަމަށެވެ.

އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން ކުރެވުނު ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވަތަކެއްޗަށްވެސް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އަދި މިހިނދުވެސް ޕޯސްޓްމޯޓަމް އާ ގުޅިގެން ހަދާ އިތުރު ބައެއް ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިޔަށް އެބަ ދޭ" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސިދުރަތުﷲ ގެ މަރަކީ ގުދުރަތީ މަރެއްކަން ޔަގީންނުކުރެވޭތީވެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިޔާއަށް ފޮނުވާލެވުނީ ނޮވެމްބަރ 2 ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާލީ ޓްރެވިންޑުރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް