އަޒަރުބައިޖާނުން ނަގޯރްނޯ ކަރަބާޚްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ހިފައިފި ކަމަށް ބުނެފި

އަޒަރުބައިޖާނުން ވަނީ ނަގޯރްނޯ ކަރަބާޚްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ހިފާފައިވާ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ބާކޫ (ނޮވެމްބަރު 8): އަޒަރުބައިޖާނުން ނަގޯރްނޯ ކަރަބާޚްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޝުޝާ ހިފައިފި ކަމަށް އެގައުމުން އިއުލާންކޮށްފި އެވެ.

އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވި ގޮތުގައި، މިއަދަކީ އެ ގައުމުގެ ރައްޔިތުން އަނބުރާ ޝުޝާއަށް ދިޔަަ ދުވަހުގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ އެވެ.

"ޝުޝާ މިނިވަންކޮށްފައިވާކަން ވަރަށް އުފަލާއި ފަހުރުވެރިކަމާ އެކު އަޅުގަނޑު އިއުލާން ކުރަން،" އަލިޔެވް ވިދާޅުވި އެވެ.

ނަމަވެސް އަރުމީނިއާއިން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ޝުޝާ ކައިރީ ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. ނަމަވެސް އެސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ އަރުމީނިޔާ ދަރިކޮޅުގެ މީހުންނެވެ. ނަގޯރްނޯ ކަރަބާޚް އަޒަރުބައިޖާންގެ ސަރަހައްދެއްގެ ގޮތުގައި ހަދާފައިވަނީ ފުރަތަމަ ބޮޑުހަނގުރާމައިގައި ތުރުކީގެ އުޘްމާނީ ޚިލާފަތު ބަލިވުމަށްފަހު، އެހިސާބުގަނޑަށް އަތްގަދަކުރި ސޯވިއެޓް ޔޫނިއަން އިން އެސަރަހައްދު ބައިކޮށް ސަރަހައްދީ ރޮނގު ކުރެހުމުގެ ތެރޭގަ އެވެ. އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އަރުމީނިއާ އާއި އަޒަރުބައިޖާން އޮންނަ މުޅި ސަރައްދު އޮތީ އުޘްމާނީ ޚިލާފަތުގެ ބައެއްގެ ގޮތުގަ އެވެ.

އަރުމީނިއާ އާއި އަޒަރުބައިޖާނަށް މިނިވަންކަން ލިބުނީ 90ގެ އަހަރުތަކުގެ ކުރީކޮޅު ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާ ގުޅިގެންނެވެ. އޭގެ ފަހުން ނަގޯރްނޯ ކަރަބާޚްގެ މައްސަލާގައި ދެ ގައުމުން ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުން ގޮސްފައިވެ އެވެ.

މިފަހަރުގެ ހަމަލާތައް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27ގައި އެވެ. އެ ހަމަލާތައް އިސްވެފެށީ އަޒަރުބައިޖާނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަޒަރުބައިޖާނުން ހަމަލާތަށް ފެށީ ނަގޯރްނޯ ކަރަބާޚް އަކީ އެގައުމުގެ ސަރަހައްދަކަށްވި ނަމަވެސް، އަރުމީނިއާގެ އެހީތެރިކަމާއެކު ނަގޯރްނޯ ކަރަބާޚްގެ މިނިވަންކަމަށް މަސައްކަތްކުރާ އަރުމީނިއާގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އެސަރަހައްދު އޮންނާތީ އެވެ.

comment ކޮމެންޓް