އިންތިހާބުގައި މަކަރު ހަދާ ކަމުގެ ހެއްކެއް ނެތް: މާހިރުން

މިއަހަރު އާލީ ވޯޓިންގައި 100 މިލިއަނަށް ވުރެ ގިނަ މަހުން ބައިވެރިވި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ނޮވެމްބަރު 5): އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުުމުގައި މަކަރު ހަދަމުންދާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް އެފަދަ ކަމެއް ހިނގާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުތައް ގުނަމުން ދަނިކޮށް އިއްޔެ ޓްރަމްޕް ވަނީ ކާމިޔާބީ އިއުލާން ކުރައްވާފަ އެވެ. އަދި އެ ނަތީޖާ ބަދަލު ކުރަން ބަޔަކު ވޯޓު އޮޅުވާލުމުގެ މަސައްކަތް ކުރާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ބޭނުންފުޅު ވަނީ ވޯޓު ލުން ހުއްޓުވާށެވެ. އޭގެ މާނައަކީ ޕޯސްޓު މެދުވެރިކޮށް ފޮނުވާ ވޯޓުތައް ގަބޫލު ކުރުން ހުއްޓުވުން ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އެމެރިކާގައި މެއިލް ވޯޓު ލުމާ ބެހޭ ގޮތުން އެކި ސަރަހައްދުތަކުގައި އޮންނަނީ އެކި ގަވާއިދުތަކެވެ. އެގޮތުން ބައެއް ސްޓޭޓުތަކުގައި އިންތިހާބު ބާއްވާ ރަސްމީ ދުވަހުގެ ކުރިން މެއިލް ވޯޓުތައް ގަބޫލު ކުރުން ހުއްޓާލި ނަމަވެސް ބައެއް ސްޓޭޓުތަކުގައި އަންގާރަ ދުވަހު މެއިލް ކުރި ވޯޓުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ލިބުނު ނަމަވެސް ގުނާނެ އެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި މެއިލް ވޯޓުތައް ގުނަމުންދާ ވަރަކަށް ބައިޑެންގެ ވޯޓުތައް ދަނީ އިތުރުވަމުންނެވެ. އަދި މޮޅުވާ ކެންޑިޑޭޓަކު ވޯޓު ލާ ދުވަހު އެނގެން ޖެހޭ ކަމަށާއި މެއިލް ވޯޓު ގުނުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެތައް މިލިއަން މީހުން ބައިވެރިވާ މިފަދަ އިންތިހާބުތަކުގައި ވޯޓު ގުނުމަކީ ބުރަ އަދި ވަގުތު ނަގާ މަސައްކަތެއްކަން ޔުނިވާސިޓީ އޮފް ނިއު މެކްސިކޯގެ ސެންޓާ ފޯ ދަ ސްޓަޑީ އޮފް ވޯޓިން، އިލެކްޝަންސް އެންޑް ޑިމޮކްރަސީގެ ޑިރެކްޓަރު، ލޮނާ އަޓްކެސަން ވިދާޅުވި އެވެ. އަދި ނަތިޖާ ލިބެންދެން ކެތްތެރިވެ، އިންތިހާބުގެ މަރުހަލާތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ވޯޓު ގުނުމަކީ މަކަރު ހެދުމެއް ނޫން. އިންތިހާބެއްގައި އަޅުގަނޑުމެން ކުރާ ކަމަކީ އެއީ - ވޯޓު ގުނުން،" އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން އަޓްކެސަން ވިދާޅުވި އެވެ.

ދެހާސްސޯޅަ ވަނަ އަހަރުގެ އިންތިހާބުގައިވެސް ވޯޓު އޮޅުވާލިކަމަށް ޓްރަމްޕް ވިދާޅުވިކަން ފާހަގަ ކުރައްވަމުން ޔުނިވާސިޓީ އޮފް ވާޖިނިއާގެ ޕްރޮފެސާ އޮފް ލޯ، މައިކެލް ގިލްބާޓް ވިދާޅުވި ގޮތުގައި އެ ފަހަރުވެސް ބަޔަކު ގަވާއިދާ ހިލާފަށް ވޯޓު ލީ ކަމުގެ ހެއްކެއް ފެނިފައި ނުވެ އެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އާދާޔާ ހިލާފަށް ގިނަ އަދަދެއްގެ މީހުން ޕޯސްޓު މެދުވެރިކޮށް ވޯޓުލުމުންނާއި އެ ވޯޓުތައް ގުނަން ދިގު މުއްދަތެއް ނެގުމުން ރައްޔިތުންގެ މެދުގައި ސުވާލު އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ގިލްބާޓް ވިދާޅުވި އެވެ.

އެހެންނަމަވެސް، އަންގާރަ ދުވަހު ގުނަން ފެށި ވޯޓުތަކުގެ ނަތީޖާ ލަސްވިޔަސް އޭގައި މައްސަލައެއް އުޅޭ ކަމަށް ގަބޫލު ކުރަންވީ ސަބަބެއް ނެތް ކަމަށް ގިލްބާޓް ވިދާޅުވި އެވެ.

"އެއްވެސް ތަނެއްގައި މައްސަލައެއް އުޅޭ ކަމަށް ގަބޫލު ކުރަންވީ ސަބަބައެއް ނެތް. އޭގައިވާ ހަމައެކަނި ކަމަކީ ވޯޓު ގުނަން ވަގުތު ނަގާކަން، އަދި އެމީހުން ދަނީ ވޯޓު ގުނަމުން. އަޅުގަނޑަކަށް ނުފެނޭ މަކަރު ހަދާ ކަމުގެ އެއްވެސް ހެއްކެއް. އިންތިހާބު އަތުލަން އުޅޭ ކަމުގެ އެއްވެސް ހެއްކެއްވެސް ނުފެނޭ،" ގިލްބާޓް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ސްޓޭޓެއްގައިވެސް ނަތީޖާ މާ ކައިރި ނަމަ މޮޅުވާނެ ކެންޑިޑޭޓެއް ކަނޑައަޅަން ގާނޫނުތައް ހަދާފައި އޮންނާނެ ކަމަށް ސްޓޭޓް ޔުނިވާސިޓީ އޮފް ނިއު ޔޯކް އެޓް ބަފެލޯގެ ލޯ ޕްރޮފެސާ، ޖޭމްސް ގާޑްނާ ވިދާޅުވި އެވެ. އެގޮތުން ވޯޓު އަލުން ގުނުމާއި އެ މައްސަލަ ކޯޓަށް ހުށަހެޅުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށާއި އިންތިހާބުތަކުގައި އެފަދަ ހާލަތްތައް އަބަދުވެސް ދިމާވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް