ގަވައިދު ކޮމެޓީގެ މުގައްރިރުކަމުން އާމިރު ވަކިކުރަން ފާހެއް ނުވި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީގެ މުގައްރިރު ކަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަކިކުރަން ނުފެންނަ ކަމަށް ކޮމެޓީގެ އަގުލަބިއްޔަތުން ނިންމައިފި އެވެ.

ގަވައިދު ކޮމެޓީގައި ހިމެނޭ ފަސް މެންބަރުންގެ ސޮޔާ އެކު މުގައްރިރުކަމުން އާމިރު ވަކިކުރަން ހުށަހަޅާފައި ވަނީ އަމިއްލަ އަށް އިސްނަގައިގެން ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށް ބުނެ އެވެ. އަދި މަޖިލީހުގެ އެހެން ކޮމެޓީތަކާ އަޅާ ބަލާއިރު ގަވައިދު ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ނުގެންދާ ކަމަށާއި ބައްދަލުވުންތައް މަދު ކަމަށްބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީއޭ އަށް ނިސްބަތްވެ ވަޑައިގަންވާ އާމިރަކީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި ކޮމެޓީއެއްގެ މުގައްރިރުކަން ކުރައްވާ، އެޕާޓީ އަށް ނިސްބަތްނުވާ ހަމައެކަނި މެންބަރެވެ.

އާމިރުގެ އިތުރުން ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ނައިބު މުގައްރިރު މުލަކު ދައިރާގެ މެންބަރު އިބްރާހިމް ނަސީރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު، ދިއްގަރު ދާއިރާގެ މެންބަރު އިކްރަމް ހަސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

އާމިރުގެ އިތުބަރު ނެތްކަމަށް ވޯޓުދެއްވީ މެންބަރު އާޒިމް އާއި ސިރާޖުގެ އިތުރުން ނާޒިލްއެވެ.

ނުފެންނަކަމަށް ވޯޓުދެއްވީ މެންބަރު އަސްލަމް އާއި މެެންބަރު ތޯރިގު އަދި އިކްރާމް އެވެ.

ވޯޓު އެއްވަރުވުމުން ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި، ނައިބު މުގައްރިރު ވަނީ ހުށަހެޅުމަށް ގޮތެއް ނިންމުމަށް ބޭނުންވާ ވޯޓު ދެއްވައިފަ އެވެ. މެންބަރު ނަސީރު ވޯޓުދެއްވީ އާމިރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނުފެންނަ ކަމަށެވެ.

comment ކޮމެންޓް