ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ނޮވެމްބަރު 5): ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ޕެރިސް މުއާހަދާއިން އެމެރިކާ ރަސްމީކޮށް ވަކިވެއްޖެ އެވެ.

ޕެރިސް މުއާހަދާ އަކީ ޖައްވަށް ބޭރު ކުރާ ގްރީންހައުސް ގޭސްގެ މިންވަރު މަދު ކުރަން 196 ގައުމަކުން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އަދި އެ މުއާހަދާގައި ވަނީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅާފަ އެވެ.

އެމެރިކާއިން އެ އެއްބަސްވުމުގައި ސޮއި ކުރީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގަ އެވެ. ނަމަވެސް އެގައުމުގެ ވެރިކަމަށް ދެން ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި އެ މުއާހަދާގެ ސަބަބުން އެގައުމުގެ އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅޭނެ އެވެ. އަދި އެ މުއާހަދާ އިން ވަކިވާނެކަން ޖޫން 2017ގައި އިއުލާން ކުރެއްވި އެވެ.

ޕެރިސް މުއާހާދާއިން ވަކިވާން ދިގު މުއްދަތެއް ނަގާފައި ވަނީ އެ އެއްބަސްވުމުން ވަކިވުމާ ބެހޭ ގޮތުން އދ.އިން ހަދާފައިވާ ގަވާއިދުތަކާ ގުޅިގެންނެވެ. އެގޮތުން އެ ގަވާއިދުތަކުގައިވާ ގޮތުން ހަތަރެއް ނޮވެމްބަރު 2016ގައި ތަސްދީގު ކުރި އެ އެއްބަސްވުމުން ވަކިވުމުގެ ނޯޓިސްއެއް އެއްވެސް ގައުމަކަށް ދެވޭނީ ތަސްދީގު ކުރިތާ ތިން އަހަރު ފަހުންނެވެ. އަދި ނޯޓިސް ފޮނުވުމަށް ފަހުވެސް 12 މަސް ވަންދެން މަޑު ކުރަން ޖެހޭނެ އެވެ.

އެމެރިކާއިން ޕެރިސް މުއާހަދާއިން ވަކިވުމުގެ ނޯޓިސް މިދިޔަ އަހަރުގެ ނޮވެމްބަރު ހަތަރެއްގައި ފޮނުވާފައި ވުމުން، މި އަހަރުގެ އެ ތާރީހުގައި އެގައުމު ވަނީ ރަސްމީކޮށް މުއާހަދާއިން ވަކިވެފަ އެވެ. ނަމަވެސް އެގައުމަށް އަދިވެސް އެ މުއާހަދާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާ ވާދަ ކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ވަނީ އޭނާ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ އެމެރިކާ އަލުން މުއާހާދާއާ ގުޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް