އެކްޓަރު ފަރާޒް ޚާން މަރުވެއްޖެ

ފަރާޒް ޚާން---

މިދިޔަ މަހު ކުރީކޮޅު އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެކްޓަރު ފަރާޒް ޚާން 46، މަރުވެއްޖެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ބޮލީވުޑްގެ އެކްޓަރު ފަރާޒަށް މިދިޔަ މަހުން ފެށިގެންވެސް އައީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އިއްޔެގެ ވަގުތެއްގައި އޭނާ މަރުވިއިރު މީގެ ކުރިންވެސް ޑަކްޓަރުން ވަނީ އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައެވެ. ސިކުނޑީގައި އިންފެކްޝަނެއް އުފެދި ހާލު ސީރިއަސްވެގެން ބެންގަލޫރުގެ ވިކްރަމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރާޒަށް ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން "ފަރޭބް"ގައި އޭނާ އާއެކު ލީޑު ރޯލު ކުޅުނު ޕޫޖާ ބަޓް ކުރި ޓްވީޓެއްގައި ބުނީ ފަރާޒްގެ ހަނދާންތައް އަބަދުވެސް އެމީހުންނާއެކު ވާނެކަމަށާއި އޭނާ ވަކިވެދިޔުމަކީ ފޫނުބެއްދޭ ވަރަށްވުރެ ބޮޑު ގެއްލުމެއްކަމަށެވެ.

މީގެ ކުރިން ފަރާޒްގެ ކޮއްކޮ ފަހްމާން ޚާން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފާއިތުވި އަހަރެއްހާ ދުވަހު ބޭބެ އުޅުނީ ވަރަށް ބަލިކޮށް ކަމަށާއި އެންމެ ފުރަތަމަ މޭގައި އިންފެކްޝަން އުފެދިގެން އަބަދު ކެއްސާތީ އުޅުން ކަމަށެވެ. އެ އިންފެކްޝަން ވަނީ ފަހުން ސިކުނޑީގައި ވެސް އުފެދިފައެވެ.

އެކްޓަރު ފަރާޒްގެ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވީ 1998 ވަނަ އަހަރު ރާނީ މުކަރްޖީއާއެކު ކުޅުނު ފިލްމު "މެހެނދީ" އެވެ.

comment ކޮމެންޓް