ބައިޑެން ހުންނެވީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމުގައި

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޖޯ ބައިޑެން ވިދާޅުވި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވޯޓު ގުނުން ދިގުލައިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިވަގުތު ލިބެމުންދާ ނަތީޖާތަކުން ބެލެވެނީ އިންތިހާބު ކާމިޔާބު ކުރާނީ އޭނާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރިންވެސް އިނގޭ [ވޯޓު ގުނުން] ލަސް ވާނެކަން ނަމަވެސް މާދަމާ ހެނދުނަށް ނުވަތަ އެއަށް ވުރެ ވެސް ލަސް ވެދާނެ ކަމަށް ކުރިން ހިއެއް ނުކުރެވޭ. ނަމަވެސް މިހާރުގެ ނަތީޖާ ރަނގަޅު ކަމަށް އަޅުގަނޑުމެން ދެކެނީ. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން މިތިބީ ކާމިޔާބީގެ މަގުމަތީގައި،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެންގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ "ބޮޑު ކާމިޔާބީ"އަކާ ބެހޭ ގޮތުން ބަޔާނެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް މިހާރު ގުނަމުން ދާ އިރު އޭޕީ އިން ލަފާ ކުރާ ގޮތުގައި އިލެކްޓޯރަލް ކޮލެޖުގެ 224 ވޯޓު ބައިޑެންއަށް މިހާރު ވަނީ ލިބިފަ އެވެ. އަދި ޓްރަމްޕަށް ލިބިފައި ވަނީ 212 އިލެކްޓަރުންނެވެ. އެ އިންތިހާބު ކާމިޔާބު ކުރާނީ 270 އިލެކްޓަރުން ހޯދާ ކެންޑިޑޭޓެކެވެ.

comment ކޮމެންޓް