ބަޖެޓުގައި ނެތް ދުވާފަރު މަގުތައް ހަދަން ދިން މައްސަލާގައި އަސްލަމް ހޫނު ފެނަށް

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ: މަޖިލިސް

ދުވާފަރުގެ މަގުތަކުގެ ފޭސް ދޭއްގެ މަސައްކަތްތައް ބަޖެޓުގައި ނުހިމަނައި ވަނިކޮށް، ބެޖެޓުން ބޭރުން އެމަސައްކަތް ހަވާލުކޮށްފައިވާތީ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ކަންބޮޑުވުން ފާޅުކުރައްވައި ހައުސިން މިނިސްޓަރު އަސްލަމްއަށް ގިނަ ސުވާލުތަކެއް މިއަދު އަމާޒު ކުރައްވައިފި އެވެ.

ދުވާފަރު މަގުތައް ފޭސް ދޭއް ގެ މަސައްކަތް 37.8 މިލިއަން ރުފިޔާއަށް ހެދުމަށް ބަޔަކާ ހަވާކުރީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އެމަސައްކަތް ބަޖެޓުގައި ނުޖަހައި ވަނިކޮށް ހަވާލުކޮށް އަދި ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކުގައި ސޮއިނުކޮށް ދާއިރާތައް ތަފާތު ކުރާ މައްސަލާގައި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ސުވާލަށް މިނިސްޓަރު އަސްލަމް ވިދާޅުވީ ދުވާފަރު މަގުތަކުގެ ފޭސް ދޭއް ހެދުމަށް ހަވާލު ކުރުމަކީ ވަކި ޕްރޮޖެކްޓެއް ނޫން ކަމަށެވެ. އަދި އެއީ ދުވާފަރު މަގުތަށް މީގެ ކުރިން ހަދާފައިވާ މިންވަރުން މަގުތަކުގެ މައްސަލައަށް ހައްލެއް ނުލިބޭތީ އެމައްސަލައަށް ހައްލެއް ހޯދުމަށް ހިންގި އެކްސްޓެންޝަން ޕްރިޖެކްޓެއް ކަމަށެވެ.

އަސްލަމްގެ އެ ޖަވާބާ ގުޅިގެން ސިރާޖު ވިދާޅުވީ ޕްރިޖެކްޓްތަކަށް އެކްސްޓެންޝަން ގެންނައިރު އަމަލު ކުރަމުންދާ އުސޫލާ ހިލާފަށް އެ ޕްރޮޖެކްޓް ދިނުމުގައި އަމަލުކޮށްފައިވާ ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު-- ފޮޓޯ/ މަޖިލިސް

"ގުޅުވާލައިގެން ޕްރޮޖެކްޓް ހިންގާއިރުގައި ވޭރިއޭޝަނަށް ބަލާފައި ވަކި ވަރަކަށްވުރެ ބޮޑު ނުވާ ނަމަ ވޭރިއޭޝަނަށް އޭތި އިތުރު ކުރެވޭ ގޮތަށް އޮވޭ. އެހެން ނަމަވެސް އަޅުގަނޑު މި ސުވާލު ކުރަން ޖެހުނީ އެކްސްޓެންޝަނަކަށް ދާން މި ޖެހުނީ ވަކި އަދަދެއް ވަކި ޕަސެންޓެއް ހިނގާ ޕްރޮޖެކްޓްގެ އަގަށްވުރެ ބޮޑު ނުވާނަމަ." ސިރާޖު ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ދައުލަތުން ބަޖެޓް ހަރަދު ކުރާނެ ގޮތުގެ އުސޫލު ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އެހެންވީމަ ބަޖެޓްގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ އެ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓުގައި ނެތް ފައިސާއެއް ހަރަދު ކުރުމުގެ އުސޫލު އޮންނަނީ ތި ވިދާޅުވި ގޮތަށް އެމަޖެންސީގައި ނޫނިއްޔާ ވަރަށް މުހިންމު ކަންކަމުގައި ބަޖެޓުގައި ހިމެނި ފައިސާ މަދުވެގެން. އެހެންވީމަ އިއްޒަތްތެރި ވަޒީރު ވިދާޅުވި ދައުލަތުން މުހިންމުކަން ދެއްވާ ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑު ސާފުކޮށްލަން ބޭނުން." މެމްބަރު ހަސަން އަފީފު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ބުނާ އުސޫލާ ހިލާފަށް ދައުލަތުން ފައިސާ ހަރަދު ކުރަނީ ކީއްވެގެންތޯ އަފީފު ސުވާލު ކުރި އެވެ.

އަސްލަމް ވިދާޅުވީ އޭނާ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށެވެ.

"ދެން ދައުލަތުގެ އެހެން މުއައްސަސާއަކުން އެކަހަލަ ކަމެއް ކުރާ ކަމަށް ވަންޏާ އެ މުއައްސަސާއަކަށް އެކަން ސާފުވެ ވަޑައިގަންނަވާނެ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ތަކުރާރުކޮށް ވިދާޅުވީ ދުވާފަރުގެ މަގު ހަދަން އިތުރު ފައިސާއަށް ހަވާލު ކުރީ އެރަށުގެ މަގު ހަދާފައި އޮތް ވަރުން މަގުތަކުގެ މައްސަލަ ހައްލު ނުވާތީ ކަމަށެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު -- ފޮޓޯ/ މަޖިލިސް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ބަޖެޓުގައި ކަންކަން ހިމަނަކީ ވަކިގޮތަކަށް ކަންކަން ގެންދިއުމަށްޓަކައި ކަމަށެވެ. އެހެންވީމަ ބަޖެޓުގައި ނެތް ކަމެއް ކުރާތީ ކަންބޮޑުވާ ކަމަށެވެ.

"ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންތަކާއި އިދިކޮޅަށް ބައެއް ވުޒާރާތަކުން ކަންކަން ކުރަމުންދޭ. އެހެންވީމަ އަޅުގަނޑުގެ ސުވާލަކީ ވަޒީރު މި މަސައްކަތް ހަވާލުކޮށްފައި އެ އޮތީ ހަގީގަތުގައި ބަޖެޓުގައި ނެތިތޯ؟ ކޮން ގޮތަކަށްތޯ އެހެންވެއްޖެއްޔާ ކުރީ." އާޒިމް ވިދާޅުވި އެވެ.

އެ ސުވާލަށް އަސްލަމް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެއީ މަސައްކަތެއްގެ އެކްސްޓެންޝަނެއް ކަމަށެވެ. އެހެންވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ސުވާލު ތަކުރާރު ކުރެއްވި އެވެ.

"އިއްޒަތްތެރި ވަޒީރު އެއީ މިއަދުގެ ސުވާލަކީ. 37 މިލިއަން ރުފިޔާ [ބަޖެޓުގައި] ޖަހާފައި އިންތޯ. މި މަސައްކަތް ކުރުމަށް. ޖަހާފައި ނެތިސްތޯ މި މަސައްކަތް ކުރެވިފައި މިވަނީ." ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެ ސުވާލު ތަކުރާރު ކުރުމުންވެސް އަސްލަމް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެގޮތަށް އިތުރަށް ފައިސާ ހަރަދުކޮށްގެން ޕްރޮޖެކްޓްތައް ހިންގާފައި ހުންނާނެ ކަމަށެވެ.

comment ކޮމެންޓް