ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ގިގްސް ހައްޔަރުކޮށްފި

ވޭލްސްގެ ކޯޗު ރަޔާން ގިގްސް -- ފޮޓޯ: ގެޓީ

މެންޗެސްޓާ ޔުނައިޓެޑް ކުރީގެ މިޑްފީލްޑަރު އަދި މިހާރު ވޭލްސްއަށް ކޯޗުކަން ކޮށްދެމުން އަންނަ ރަޔާން ގިގްސް އޭނާ ލޯބިގެ ގޮތުން ގުޅިފައިވާ އަންހެނާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ގިގްސް ހައްޔަރުކޮށްފައިވަނ އޭނާގެ ލޯބިވެރިޔާ އަށް ހަމަލާ ދިނުމުގެ ތުހުމަތުގަ އެވެ. އުމުރުން 46 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ގިގްސް ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާތީ، ގިގްސް މިހާރު މަސައްކަތް ކުރަމުންދާ ވޭލްސްގެ ކޯޗުގެ މަސައްކަތުން އެކަހެރިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ވަނީ ނިންމައިފަ އެވެ.

އުމުރުން 46 އަހަރުގެ ގިގްސްއަށް ކޮށްފައިވާ ހުރިހާ ތުހުމަތަކަށް އޭނާ އިންކާރު ކޮށްފައިވާ އިރު، މައްސަލަތައް ބަލައި ނިމެންދެން ގިގްސް އަށް ވަނީ ފުލުހުން އެންގި ކޮންމެ ގަޑިއެއްގައި ޖަވާބުދާރީވާން ފުލުސް އޮފީހަށް އަންނަން އަންގައިފަ އެވެ. އަދި މި މައްސަލަ ބެލުމުގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ، ކުށެއް ނެތްކަން ސާބިތުކޮށްދޭނެ ކަމަށް ގިގްސް ވަނީ ބުނެފަ އެވެ.

ގިގްސް ވޭލްސްގެ ކޯޗުކަމުގެ މަސައްކަތުން އެކަހެރިކޮށްފައިވާ އިރު، މި މަހު އެ ޓީމުން ކުޅެން އޮތް ތިން މެޗުގައި އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ރޮބާޓް ޕޭޖް އެވެ. ވޯލްޑް ކަޕް ކޮލިފައިންގްގެ ދެ މެޗެކާއި އެކުވެރި ކަމުގެ މެޗެއް ކުރިއަށް އޮތް އިރު، އެ މެޗުތަކުގައި ވާދަކުރާނެ ސްކޮޑު މިއަދު އިއުލާން ކުރާނެ ކަމަށް ވޭލްސްގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގިގްސް އޭނާގެ ލޯބިވެރިޔާ ކޭޓް ގްރެވިލް، 30، އަށް އަނިޔާ ކުރަމުންދާތީ މެންޗެސްޓާ ފުލުހުންނަށް ރިޕޯޓްކުރީ ކޭޓް އަމިއްލަ އަށެވެ. ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަމުން އަންނައިރު، މި މައްސަލަ ސާބިތުވެއްޖެނަމަ ގިގްސް އަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެ އެވެ.

comment ކޮމެންޓް