އެމެރިކާގެ ރިޔާސީ އިންތިހާބު: ނަތީޖާ ލަސްވެދާނެ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން -- ފޮޓޯ: ޔޫއެސްއޭ ޓުޑޭ ނެޓްވޯކް

އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިހާބު މި އަހަރު ބާއްވަން ޖެހިފައި ވަނީ ބަލިމަޑުކަމެއްގެ ތެރޭގަ އެވެ. އެހެންކަމުން މި އިންތިހާބުގައި ކެމްޕޭން ކުރި ގޮތްތަކާއި ވޯޓުލީ ގޮތްތަކުންވެސް ތަފާތުތައް ފެނިގެން ދިޔަ އެވެ. ނަމަވެސް ގިނަ ބަޔެއްގެ މެދުގައި އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނީ މިފަހަރު ރައީސަކަށް ހޮވޭނެ ބޭފުޅަކު ދެނެގަންނަން ދުވަސްތަކެއް ނަގާފާނެތީ އެވެ. އަދި އެކަން ގުޅިފައި ވަނީ އެގައުމުގެ 'އިލެކްޓޯރަލް ކޮލެޖް' ނިޒާމާއި އެކި ސްޓޭޓުތަކުގައި ވޯޓު ގުނާ ގަވާއިދުތަކާ އެވެ.

އެމެރިކާގެ އިލެކްޓޯރަލް ކޮލެޖު އޮންނަ ގޮތުން އެގައުމުގެ ރައްޔިތުން ވޯޓު ދެނީ ސީދާ ރިޔާސީ ކެންޑިޑޭޓަކަށް ވުރެ ބޮޑަށް، އެމީހުން ނިސްބަތްވާ ސްޓޭޓެއްގައި ޕާޓީތަކުން ހޮވާފައި ތިބޭ 'އިލެކްޓަރުން'ނަށެވެ. އެގޮތުން ކޮންމެ ސްޓޭޓަކަށްވެސް އެ ސްޓޭޓު ތަމްސީލުކޮށްދޭ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެއްވަރަށް، ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކޮންމެ ޕާޓީއަކުންވެސް އިލެކްޓަރުން ހޮވާފައި ތިބޭނެ އެވެ. މިސާލަކަށް ކެލިފޯނިއާގެ 53 މެމްބަރުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ތިއްބަވާތީ އާއި ދެ ސެނެޓަރުން ތިއްބަވާތީ އެ ސްޓޭޓުގައި ކޮންމެ ޕާޓީއަކުން ޖުމްލަ 55 އިލެކްޓަރުން ތިބޭނެ އެވެ. އަދި ޑިސްޓްރިކްޓު އޮފް ކޮލަމްބިއާގެ މެމްބަރުން ކޮންގްރެސްގައި ނުތިއްބަވާ ނަމަވެސް އެ ސަރަހައްދަށް ތިން އިލެކްޓަރުން ހަމަޖައްސާފައިވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެންމެ ފުރަތަމަ ވޯޓުތައް ގުނި ޑިކްސްވިލް ނޮޗްގައި ވޯޓުލި ފަސް މީހުން ވެސް ތާއިދު ކުރީ ޖޯ ބައިޑެން އަށް -- ފޮޓޯ: އޭޕީ

އެހެންކަމުން އެގައުމުގެ 435 ރެޕްރެޒެންޓޭޓިވްސް އާއި 100 ސެނެޓަރުންގެ އިތުރުން ޑިސްޓްރިކްޓު އޮފް ކޮލަމްބިއާއަށް ހަމަޖައްސާ ތިން އިލެކްޓަރުން ހިމެނޭ ގޮތަށް އެމެރިކާގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކޮންމެ ޕާޓީއަކަށް 538 އިލެކްޓަރުން ތިބޭނެ އެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އަންނަ މަހުގެ 14އިގައި ރައީސާއި ނައިބު ރައީސް ހޮވުމަށް ކޮންމެ ސްޓޭޓެއްގެ އިލެކްޓަރުން ބައްދަލު ކުރާނެ އެވެ.

އެ ބައްދަލުވުމަށް ހާޒިރު ވާނީ، ރިޔާސީ އިންތިހާބުގައި އެ ސްޓޭޓަކުން އެންމެ ގިނަ މީހުން ވޯޓު ދިން ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ އިލެކްޓަރުންނެވެ. އެ އިލެކްޓަރުންނަކީ ޕާޓީއަށް ވަރަށް ވަފާތެރި މީހުން ކަމުން އެ މީހުން ވޯޓު ދޭނީ އެ ޕާޓީއެއްގެ ކެންޑިޑޭޓަށެވެ. އެހެންކަމުން ޑިސެމްބަރު މަހު އެ އިލެކްޓަރުންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން، އެމެރިކާގެ 'ސްވިންގް ސްޓޭޓް'ތަކުގައި ވޯޓުން ކުރި ހޯދާ ކެންޑިޑޭޓަކަށް ލިބޭ އިލެކްޓަރުންގެ އަދަދަށް ބަލައި ރައީސަކަށް ހޮވޭނެ ބޭފުޅަކު އާއްމު ގޮތެއްގައި އެގައުމުގެ މީޑިއާތަކުން ލަފާކޮށް އިއުލާން ކުރެ އެވެ. ރައީސްކަން ލިބޭނީ 270 އިލެކްޓަރުންގެ ތާއިދު ހޯދާ ކެންޑިޑޭޓަކަށެވެ.

ސްވިންގް ސްޓޭޓުތަކަކީ އެމެރިކާގައި އާއްމު ގޮތެއްގައި ރިޔާސީ އިންތިހާބުގައި އަބަދުވެސް އެއް ޕާޓީއަކަށް ވޯޓު ދޭ 'ރެޑް ނުވަތަ ބްލޫ' ސްޓޭޓުތަކާ ހިލާފަށް، އެ ސްޓޭޓެއްގައި އެންމެ މަގުބޫލު ޕާޓީއެއް އިންތިހާބުގެ ކުރިން ލަފާ ކުރަން ނޭނގޭ ސްޓޭޓުތަކެވެ. އަދި މި އަހަރު އާލީ ވޯޓިންގެ ގޮތުގައި 100 މިލިއަން މީހުން ވޯޓުލާފައި ވުމުންނާއި އެފަދަ ވޯޓުތައް ގުނުމުގެ މަރުހަލާތައް ދިގު ވާތީ ނަތީޖާ ނެރުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

ޕޯސްޓަލް ވޯޓުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ބައެއް ސްޓޭޓްތަކުން 3 ނޮވެމްބަރުގެ ކުރިން ފަށާ -- ފޮޓޯ: އޭޕީ

އެމެރިކާގެ އިންތިހާބުގައި އާލީ ވޯޓިންގެ ގޮތުގައި މެއިލް މެދުވެރިކޮށް ލާ ވޯޓުތައް ގުނުމުގެ ކުރިން އެ ވޯޓުތައް ޕްރޮސެސް ކުރަން ޖެހެ އެވެ. އެއީ ވޯޓާއެކު މެއިލް ކުރި ސިޓީ އުރަ ބަލާ، އޭގައިވާ ސޮޔާއި ވޯޓަށް ރެޖިސްޓާ ކުރުމަށް ދީފައިވާ ސޮޔާ އެއްގޮތްތޯ ބެލުން ފަދަ ކަންތައްތައް ކުރުމެވެ. އަދި އެއީ ވަގުތު ހޭދަވާ މަސައްކަތެއް ކަމުން ބައެއް ސްޓޭޓުތަކުގައި ނޮވެމްބަރު ތިނެއްގެ ކުރިން ވޯޓު ޕްރޮސެސް ކުރުމަށް ފަހު، އެ ދުވަހު ވޯޓުތައް ގުނުމަށް ތައްޔާރު ކުރާނެ އެވެ. ނަމަވެސް އެހެން ބައެއް ސްޓޭޓުތަކުގައި މެއިލް ވޯޓުތައް ޕްރޮސެސް ކުރުމާއި ގުނުން ކުރިއަށްގެންދާނީ ރަސްމީކޮށް ވޯޓު ލާ ދުވަހުގަ އެވެ.

އޭގެ ސަބަބުން ވޯޓުގެ ނަތީޖާ އިއުލާން ކުރުން ލަސްވެދާނެ ކަމަށް ބުނާ ސްވިންގް ސްޓޭޓުތަކުގެ ތެރޭގައި އެރިޒޯނާ، ވިސްކޮންސިން، މިޝިގަން އަދި ޕެންސިލްވޭނިއާ ހިމެނެ އެވެ. އަދި އިލެކްޓޯރަލް ކޮލެޖުގައި އެ ހަތަރު ސްޓޭޓުގެ 57 އިލެކްޓަރުން ހިމެނޭ އިރު މިޝިގަން އާއި ޕެންސިލްވޭނިއާ އިން ލަފާ ކުރާ ގޮތުގައި އެ ސްޓޭޓުތަކުގެ ވޯޓު ގުނާ ނިމޭނީ ހުކުރު ދުވަހުގަ އެވެ. އެހެންކަމުން ފުރަތަމަ ވޯޓު ގުނާ ނިމޭ ސްވިންގް ސްޓޭޓުތަކުގައި ވޯޓުގެ ފަރަގު ކުޑަ ނަމަ، ރަސްމީ ނަތީޖާއެއް ލިބުމުގެ ކުރިން އެ ހަތަރު ސްޓޭޓުގެ ވޯޓުތައް ގުނާ ނިމެންދެން މަޑު ކުރަން ޖެހިދާނެ އެވެ.

comment ކޮމެންޓް