އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރު ޝާހިދު އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެގްޒެންޑާ ޝެލެންބާގްއަށް ދަންނަވާފައިވާ ކަމަށެވެ.
އަދި ރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވާސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރު ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ.
އެ މެސެޖުގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.
އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްޣާނިސްތާން ސަރުކާރާއެކު ތިބިކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އޮސްޓްރިއާގައި ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އަފްޣާނިސްތާނުގައި ދިން ހަމަލާގައި 19 މީހުން މަރުވެފައިވާއިރު، އެއީ އަފްޣާނިސްތާނުގައި ތައުލީމީ މަރުޒަކަށް އެއް ހަފްތާ ތެރޭ ދިން މިފަދަ ދެވަނަ ހަމަލާއެވެ. މީގެ ކުރިން ދިން ހަމަލާއާއި ގުޅިގެންވެސް މިނިސްޓަރު ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.