ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ގުޅުއްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޝަހީދު ހުސައިން އާދަމް --

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ފޯނުން ގުޅުއްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފުރާނަ ގުރުބާން ކުރައްވައި، ހުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީހުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވިއެވެ.

އަދި ޝަހީދު ހުސައިން އާދަމަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށް ހުސައިން އާދަމް ޝަހީދުވީ އުމުރުން 19 އަހަރުގައެވެ.

ފުލުހުންގެ މައި މަރުކަޒަށް "ޝަހީދު ޙުސައިން އާދަމް ބިލްޑިން" ގެ ނަން ދީފައި ވަނީ ޝަހީދު ހުސައިން އާދަމްގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.

ބާޣީންގެ ހަމަލާ ނާކިޔާބު ކޮށްލީ ދިވެހި ސިފައިން ރައްދުގައި ދިން ހަމަލާތަކުންނެވެ.

comment ކޮމެންޓް