ދީޕިކާގެ މެނޭޖަރު ކަރިޝްމާ އަދިވެސް ފިލައިގެން

ދީޕިކާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް---

ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ފެންމަތިވި ޑުރަގު މައްސަލާގައި ބަތަލާ ދީޕިކާ ޕަޑުކޯންގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އަލުން ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއަށް (އެންސީބީ) ހާޒިރުވާން މީގެ ހަ ދުވަސްކުރިން އެންގި ނަމަވެސް އޭނާ އަދިވެސް އެންސީބީއަށް ހާޒިރުނުވާކަމަށް ހަބަރުތައް ބުނެފި އެވެ.

އޭނާ ދިރިއުޅޭތަން އެކަކަށްވެސް އެނގިފައިނުވާއިރު އެންސީބީ އަށް ވެސް ވަނީ އޭނާ ޓްރޭސްނުކުރެވިފަ އެވެ. އެންސީބީ އަށް ހާޒިރުވާން އަންގާފައި އޮތް އިރު އޭނާ މިވަނީ ދާދިފަހުން ޓެލެންޓް އެޖެންސީ އިން ވެސް އިސްތިއުފާ ދީފައެވެ. މި މަހު ހަތްވަނަ ދުވަހުގެ ކުރިން އޭނާ ހައްޔަރުނުކުރާނެ ކަމަށް ޚަބަރުތައް ބުނަމުން ދާއިރު އެންސީބީ އަށް އޭނާ ހާޒިރުވާންޖެހޭ އެންމެ ފަހު ދުވަހަކީ މިއަދެވެ. އޭނާ ގޭ ދޮރުގައި ނޯޓިސް މީގެ ފަސްވަރަކަށް ދުވަސް ކުރިން ހަރުކުރި ނަމަވެސް އޭނާގެ ފަރާތުން އެދެވޭ ނަތީޖާ އެއް އަދިވެސް ފެނިފައެއްނުވެއެވެ.

ބައެއް ޚަބަރުތައް ބުނާގޮތުގައި އޭނާ މިއަދު ހެނދުނު އެންސީބީ އަށް ހާޒިރުވާނެއެވެ. އެންސީބީއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ދީޕިކާ އާއި ކަރިޝްމާ އާއި ދެމީހުންނާ ސުވާލުކޮށްފަ އެވެ. އަނެއްކާ ވެސް ޑުރަގު މައްސަލާގައި ކަރިޝްމާ އެންސީބީއަށް ހާޒިރުކުރަން އެންގީ އޭނާ ދިރިއުޅޭ ގެއިން 1.8 ގުރާމު ހަޝިޝް ފެނުމާ ގުޅިގެންނެވެ.

އެންމެ ފުރަތަމަ ކަރިޝްމާ އެންސީބީއަށް ހާޒިރުކުރީ 2017 ވަނަ އަހަރު ދީޕިކާ އާއި އޭނާއާ ދެމެދު ދެކެވިފައިވާ ވާހަކަތައް އާންމުވުމާ ގުޅިގެންނެވެ.

comment ކޮމެންޓް