އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ފަށައިފި، ފުރަތަމަ ފަސް ވޯޓު ބައިޑެންއަށް

އެމެރިކާގެ ނިއު ހެމްޕްޝަޔާގެ ޑިކްސްވިލް ނޮޗްގައި ވޯޓު ލުން ވަނީ ފަށާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ނޮވެމްބަރު 3): އެމެރިކާގެ 59 ވަނަ ރިޔާސީ އިންތިހާބުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފުރަތަމަ ވޯޓު ފޮށި ހުޅުވާލީ އެގައުމުގެ ނިއު ހެމްޕްޝަޔާ ސްޓޭޓުގެ ޑިކްސްވިލް ނޮޗް ކިޔާ އަވަށެއްގަ އެވެ. އެންމެ 12 މީހުން ދިރިއުޅޭ އެ އަވަށަކީ 1960 ވަނަ އަހަރުން ފެށިގެން އަބަދުވެސް އެގައުމުން އެންމެ ފުރަތަމަ ވޯޓުލުން ފަށާ އަވަށެވެ.

އެ އަވަށުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ އެންމެ ފަސް މީހުންނަށެވެ. އަދި ދަންވަރު ވަގުތުގައި ވޯޓު ފޮށިތައް ހުޅުވާލުމުން އެ ފަސް މީހުން ވެސް ވަނީ ވޯޓު ދީފަ އެވެ. އެއަށް ފަހު އެ ވޯޓުތައް ގުނި އިރު ފަސް ވޯޓުވެސް ދީފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޑިކްސްވިލް ނޮޗްއިން ވޯޓު ދިނީ އޭރުގެ ޑިމޮކްރެޓިކް ކެންޑިޑޭޓު ކަމަށްވާ ހިލަރީ ކްލިންޓަންއަށެވެ.

އެ އަވަށުގެ އިތުރުން އަވަށްޓެރި މިލްސްފީލްޑްގައި ވެސް ވަނީ ދަންވަރު 12:00 ޖެހުމާ އެކު ވޯޓު ދޭން ފަށާފަ އެވެ. އެ އަވަށުގައި 21 މީހަކު ވޯޓު ދިން އިރު، އޭގެ ތެރެއިން 16 މީހަކު ވޯޓު ދިނީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށެވެ. އަދި ބައިޑެންއަށް ވޯޓު ދިނީ ފަސް މީހެކެވެ.

އެެމެރިކާގެ އެކި ސަރަހައްދުތަކުގައި ޓައިމް ޒޯންގެ ތަފާތަށް ބަލައި، ވޯޓުލުމާއި ވޯޓު ފޮށި ބަންދު ކުރުން ކުރިއަށްގެންދާނީ އެކި ގަޑިތަކުގަ އެވެ.

comment ކޮމެންޓް