ނޮވެމްބަރު ތިނެއްގެ އަބްތޯލުންގެ ހިތްވަރަށް މިނިސްޓަރު މާރިޔާގެ ހިފެހެއްޓުމެއް ނެތް ތައުރީފް

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަވާރަސަތޭކަ އަށްޑިހަ އަސްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ނިކުތް ހިތްވަރުގަދަ އަބްތޯލުންގެ ނަމޫނާ އަށް މިނެއްނެތް ތައުރީފު ހައްގު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ފޮނުއްވި ހިތޯބުގައި ވިދާޅުވީ އެ ހާދިސާ ކުރިމަތިވިއިރު ދިވެހިންގެ ކިބާގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު، މިއަދާ އަޅާބަލާއިރު ވަރަށް ތަފާތު ކަމަށެވެ.

"އެހެނަސް، އެދުވަހު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފަދަ އަބްތޯލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއް ނެތް ހައުރީފު ހައްގު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ އެދުވަހު އާންމު ރައްޔިތުންގެ ފަރާތުންވެސް ފެނިގެން ދިޔައީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން އިންޑިއާ ސަރުކަރުގެ އެހީތެރިކަމަށް އޭރުގެ ސަރުކާރުން އެދުމުން، އެގައުމުން ދިން އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

"މިއަދު ދިވެހި ގައުމީ ދިފާއީ ބާރުގެ ގާބިލުކަމާއި ވަސީލަތްތައް މިވަނީ އެތައް ގުނައެއް ފުޅާވެފައި، ހަމައެއާއެކު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ލޯތްބާއި މަގުބޫލުކަންވެސް ވަނީ އިތުުރުވެފައި،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަުރ ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާ އަކީ ދިވެހި ތާރީހުގެ ކަޅު ސޮފްހާއެއް ކަމަށެވެ.

comment ކޮމެންޓް