ދަނޑުތަކަށް ގެއްލުން ދިން މީހުން ހޯދަން ގޮވާލައި ނަރުދޫގެ ދަނޑުވެރިން އިހުތިޖާޖުކޮށްފި

ދަނޑުތަކަށް ގެއްލުން ދިނުމުން ނަރުދޫގެ ދަނޑުވެރިން މިއަދު ހަވީރު ކުރި އިހުތިޖާޖު --

ށ. ނަރުދޫގައި ހައްދާފައި ހުރި ދަނޑުތަކަކަށް ގެއްލުންދިނުމުން އެކަމާ ދެކޮޅަށް އެ ރަށުގެ ދަނޑުވެރިން މިއަދު އިހުތިޖާޖުކޮށްފި އެވެ.

ދަނޑުތަކަށް ގެއްލުން ދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ގެއްލުންދިންކަން ދަނޑުވެރިންނަށް އެނގުނީ ހޮނިހިރު ދުވަހު ހެނދުނެވެ.

އެ ރަށުގެ ތިން ދަނޑަކަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވެ އެވެ. އެގޮތުން ގަސްތަކާއި، ވެޔޮތަށް ކޮށައި، ހެދިފައި ހުރި މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ހަލާކުކޮށްލާފައިވެ އެވެ. އެކަން ކޮށްފައި ވަނީ ދަނޑުވެރިން ބައެއް ތަކެތި ކަނޑައި ބާޒާރުގައި ވިއްކަން ތައްޔާރުވެފައި ވަނިކޮށެވެ.

ދަނޑުތަކަށް ގެއްލުން ދިނުމުން އެކަމާ ހިތްހަމަނުޖެހި ނަރުދޫގެ ބައެއް ދަނޑުވެރިން ވަނީ މިއަދު ހަވީރު އިހުތިޖާޖުކޮށް ހިނގާލުމެއް ބާއްވާފަ އެވެ. ނަރުދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ދަނޑުވެރިން މައިގަނޑު ގޮތެއްގައި ގޮވާލީ ދަނޑުތަކަށް ގެއްލުންދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

އެކި މެސެޖުތައް ލިޔެފައިވާ ބޯޑުތަކުން އާންމުން ހިޔާލު ފާޅު ކުރި އެވެ. އެގޮތުން، ދަނޑުތަކަށް ގެއްލުންދިން މީހުން ހައްޔަރުކުރުމުގެ އިތުރުން، ދަނޑުވެރިންގެ މުދަލަށް ގެއްލުން ދިނުން ހުއްޓުވުމަށާއި، ނުރައްކާތެރި ވަބާތަކުން މުޖުތަމައުތަކުން ސަލާމަތް ކުރުން ފަދަ ކަންކަމަށް ގޮވާލި އެވެ.

ދަނޑުތަކަށް ގެއްލުން ދިނުމުން ނަރުދޫގެ ދަނޑުވެރިން މިއަދު ހަވީރު ކުރި އިހުތިޖާޖު --

ނަރުދޫގެ ދަނޑުތަކަށް ގެއްލުން ދިން މައްސަލަ ތަގުގީގު ކުރަމުންދާ ކަމަށް މިިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެކަން ކުރި ބައެއް އަދިވެސް ހޯދިފައި ނުވެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 600 މީހުން އުޅޭ ނަރުދޫ އަކީ 43 ހެކްޓަރުގެ ރަށެވެ. އެއީ ދަނޑުވެރި ރަށެކެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދަނޑުވެރިކަން ކުރަން ހިތްވަރު ދިނުމުން، އެ ރަށުގައި ދަނޑުވެރިކަމަށް ބިން ނަގައިގެން އެކަން ކުރާ މީހުން ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް